31 Jul 2018, 00:38
ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އަޅާ ތިން ޓަވަރުގެ އެޕާޓްމެންޓުތައް އެ ކުންފުނީގެ މުވައްޒަފުންނަށް ދޫކުރާ ޚާއްސަ ސްކީމެއް އެ ކުންފިނިން މިރޭ އިފްތިތާހުކޮށްފި އެވެ.
މިރޭ އެމްޕީއެލް އިން "ޕޯޓް ހިޔާ ހައުސިން ސްކީމް"ގެ ނަމުގައި އެ ސްކީމް އިފްތިތާހު ކުރީ އެކަމަށްޓަކައި މާލޭ ނޯތް ހާބަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް "ސަން" އަށް ވިދާޅުވީ އެ ކުންފުނީގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންގެ ތެރެއިން ޕްރޮބޭޝަން މުއްދަތު ހަމަވެ ދާއިމި ވެފައިވާ ހުރިހާ މުވައްޒަފުންނަށް ވެސް އެ ސްކީމަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި އެޕާޓްމަންޓް ދޫކުރުމަށް ޚާއްސަ ކްރައިޓީރިއާއެއް އެކުލަވާލާފައިވާ ކަމަށާއި އޭގެ ދަށުން ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފޯމު ހުށަހަޅައިފައި ޕޮއިންޓު ދޭ ސިސްޓަމުން އެންމެ ރަނގަޅަށް ޕޮއިންޓު ލިބޭ ބޭފުޅުން ޝޯޓުލިސްޓު ކުރެވިގެންދާނެ. ދެން އެބޭފުޅުންނަށް އޮންނާނީ ޑައުންޕޭމެންޓް ހޯދުމުގެ މަރުހަލާ،" ހަލީމް ވިދާޅުވިއެެވެ.
އެމްޕީއެލްގެ މުވައްޒަފުންގެ ތެރެއިން ފްލެޓަށް ހޮވޭ މީހުން ބުކިން ފީއެއްގެ ގޮތުގައި 30،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި އެ ފީ ވެސް ހަ މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. ބުކިން ފީގެ ގޮތުގައި ދައްކާ ފައިސާ ޑައުންޕޭމެންޓުގެ ތެރޭގައި ހިމެނޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ އެއް ކޮޓަރީގެ އެޕާޓްމެންޓުގެ ޑައުންޕޭމަންޓު އެއް އަހަރު ދުވަހުގެ ތެރޭގައި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓުގެ ޑައުންޕޭމަންޓް ދެ އަހަރު ދުވަހުގެ ތެރޭގައި ދެއްކޭނެ ގޮތް ހަދައިދީފައި ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ކުންފުނީގެ ފަރާތުން މަސައްކަތް ކޮށްދޭނަން އެ ބޭފުޅުންނާއި ބޭންކާއި އެޓޭޗް ކުރުވަން. މާނައަކީ ބޭންކުގެ ބޭފުޅުންނަށް ދައުވަތުއަރުވައިގެން، މި ފައިނޭންޝަލް ހައުސިން ސްކީމުތަކަށް އެ ބޭފުޅުން އަހުލުވެރިކުރުމުގެ ޕްރޮގްރާމުތަކެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައި،" ހަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޕީއެލް އިން މަސައްކަތް ކުރަމުން ދަނީ ކުންފުނީގެ މުވައްޒަފުންނަށް ހުރިހާ ގޮތަކުން ވެސް ފަސޭހަކޮށްދިނުމަށް ކަމަށެވެ.
އެމްޕީއެލްގެ ހިޔާ މަޝްރޫއަކީ ދެ އަހަރު ދުވަހުގެ މަޝްރޫއަކަށްވާ އިރު ހަލީމް ވިދާޅުވީ މިހާރު އަމާޒު ހިފާފައި ވަނީ އެއް ކޮޓަރީގެ އެޕާޓްމެންޓުގެ ހަތަރު ފްލޯ މި އަހަރު ނިމުމުގެ ކުރިން ނިންމުމަށް ކަމަށެވެ. އަދި ދެން ބާކީ ހުރި ފްލޯތައް އަންނަ އަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޕީއެލްއިން އަޅާ ތިން ޓަވަރުގައި އެއް ކޮޓަރީގެ 204 އެޕާޓްމެންޓާއި، ތިން ކޮޓަރީގެ 330 އެޕާޓްމެންޓް ހުންނާނެއެވެ. އެއީ ޖުމްލަ 534 އެޕާޓްމެންޓެވެ. އޭގެ ތެރެއިން 432 އެޕާޓްމެންޓު ދިނުމަށް ހަމަޖެހިފައި ވަނީ އެމްޕީއެލްގެ މުވައްޒަފުންނަށެވެ.