30 Jul 2018, 23:24
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮވިއްޖެ ނަމަ ދެހާސް ބާރަ ވަނަ އަހަރުގެ ހަތެއް ފެބްރުއަރީގައި ހިނގައި ދިޔަ ކަންތައްތައް ތަހުގީގު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ހަތެއް ފެބްރުއަރީގައި ހިނގައި ދިޔަ ކަންތައްތަކަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން އިދިކޮޅު އެމްޑީޕީއިން ވަނީ ބަޣާވާތް ކުރި ކަމުގެ ތުހުމަތު ގިނަ ބައެއްގެ މައްޗަށް ކޮށްފައެވެ. އެ ތުހުމަތުތައް ކުރި މީހުންގެ ތެރޭގައި މިހާރު އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ އިސް ލީޑަރުންނާއި އިސްކޮށް ހަރަކާތްތެރިވާ މެމްބަރުން ހިމެނެއެވެ. ހަތެއް ފެބްރުއަރީއާ ގުޅިގެން އެމީހުން ހައްޔަރު ކުރަން ވެސް މީގެ ކުރިން އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.
މިރޭ ޕީއެސްއެމްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ހަތެއް ފެބްރުއަރީ އަލުން ތަހުގީގުކޮށް އިދިކޮޅުގައި މިހާރު ހިމެނޭ ބައެއް މީހުން ޖަލަށް ލާނެ ކަމަށެވެ.
"އެ ބޭފުޅުން ވިދާޅުވަނީ މީގެ ކުރިން ހިނގާފައިވާ ކަންތައްތައް ވެސް ތިމަންނަމެން ބަލާނަމޭ ތަހުގީގު ކުރާނަމޭ. ހަތެއް ފެބްރުއަރީގެ ވެސް ތަހުގީގު ކުރާނެ. އޭގައި އެމީހުން ބާޣީންގެ ގޮތުގައި ސިފަ ކުރި މީހުންގެ މައްސަލަތައް އަލުން ބަލާނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.
ހަތެއް ފެބްރުއަރީގެ މައްސަލަ އަލުން ނުބައްލަވާނަމޭ ބުނަން އިބޫއަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ތަހުގީގުކޮށް އެކަމުގައި ބައިވެރިވި މީހުންނަށް 25 އަހަރުގެ ހުކުމްވެސް ކުރާނެ ކަމަށެވެ.
"ކެންޑިޑޭޓު ނުކުމެވަޑައިގެން ވިދާޅުވެބައްލަވާ ހަތެއް ފެބްރުއަރީ ތަހުގީގު ނުކުރާނަމޭ. ހަތެއް ފެބްރުއަރީ އެމީހުން ތަހުގީގު ކުރާނެ. އަދި އެމީހުން ބާޣީންގެ ގޮތުގައި ސިފަ ކުރި އެންމެންގެ މައްސަލަތައް އަލުން ބަލާނެވެސްމެ. އެގޮތަށް ބަލާފައި އިތުރު 25 އަހަރަށް އެމީހުން ޖަލަށްލާނެވެސްމެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ހަތެއް ފެބްރުއަރީގައި ހިނގައި ދިޔަ ކަންކަމުގައި އޭނާގެ ހިއްސާއެއް އޮންނަކަމަށް ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް އެކަމުގައި އޭނާ އެއްވެސް ވަރަކަށް ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭނާ އޭރު ހުންނެވީވެސް ރާއްޖެއިން ބޭރުގައި ކަމަށް ވިދާޅުވިއެވެ.
ރަށު ތެރޭގެ ހަމަނުޖެހުން ގެއްލޭގޮތަށް އެއްތަނުން އަނެއް ތަނަށް ގޮސް މުޒާހަރާ ކުރުމަކީ އޭނާ އެއްވެސް އިރެއްގައި ތާއީދު ކުރާނެ ކަމެއް ނޫން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.