ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް އަމާޒުކޮށް ކުރެެއްވި ސުވާލުތަކަށް އިބޫއަށް ޖަވާބު ނުދެއްވޭނެ ކަމަށް ރައީސްގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ރަސްމީކޮށް އެރުވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވަނީ އިބޫއަށް އަމާޒުކުރައްވައި، ޖަވާބުދާރީ ވާން ޖެހޭ ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވައިފަ އެވެ.

ރައީސް ކުރެއްވި ސުވާލުތަކަކީ:

  • މަރުގެ ހުކުމް ތަންފީޒު ކުރައްވާނެތޯ؟

  • ރާއްޖޭގެ ހަރު މުދާ ނުވިއްކާނެ ކަން ކަށަވަރު ކޮށްދޭނެތޯ؟
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ބަޔަކަށް ވިއްކާލީ ކީއްވެތޯ؟
  • އިސްލާމީ އުސޫލު ކިހާ ވަރުގަދަކޮށް ހިންގިދާނެތޯ؟
  • އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ މައްސަލަަތައް ނުބެލީ ކީއްވެތޯ؟
  • އެމްޑީޕީގެ ނުފޫޒާ އެކު ފެބްރުއަރީ 1 ގެ އަމުރު ސުޕްރީމް ކޯޓުން ނެރުނީ ކީއްވެތޯ؟
  • ދައުލަތުގެ ބަޖެޓަށް އިިދިކޮޅުން ވޯޓު ނުދެނީ ކީއްވެތޯ؟
  • ކޯޓުތަަކަށް ނުފޫޒު ނުފޯރުވާނެކަން ކަށަވަރުކޮށްދޭނެތޯ؟
  • ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ކަނޑާލީ ކީއްވެތޯ؟

ޕީއެސްއެމްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރަނިންމޭޓު ޑރ. ޝަހީމް ވިދާޅުވީ އިބޫއަށް އެ ސުވާލުތަކަށް ޖަވާބުދާރީ ނުވެވޭނެ ކަމަށާއި ސަބަބަކީ ހަގީގަތުގައި ޖަވާބުދާރީ ވާން ޖެހޭ ބޭފުޅަކީ އިބޫ ކަމުގައި ނުވާތީ ކަމަށެވެ.

"ޖަވާބުދާރީ ވާން ޖެހޭ ބޭފުޅާއެއް ނޫން އެއީ އޭނާ ދެކޭ ގޮތުގައި. އަސްލު މީހާ ނެތް އަދިއެއް. އެބޭފުޅާ އަކީ ވަގުތީ މީހެއް، އެބޭފުޅާއަށް ދާއިމީ ޖަވާބެއް ނުދެވޭނެ އެޔަކަށް،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ އިބޫ އަކީ "މިިނިވަނެއް ނޫން" ކަމަށެވެ. އަދި އިބޫއަކީ އެހެން މީހަކަށް ވެރިކަން ހޯދައި ދިނުމަށްޓަކައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެބޭފުޅާ އަކީ އެހެން މީހަކަށް ވެރިކަން ހޯއްދަވައި ދެއްވުމަށްޓަކައި ވަޑައިގެންނެވި ބޭފުޅެއް. ދޮޅުއަހަރު ދުވަހުގެ ސަރުކާރެއް ގާއިމް ކުރައްވާ ވާހަކަފުޅު އެ ދައްކަވަނީ. އެއަށް ފަހު އިންތިޚާބެއް ބާއްވާ ވާހަކަ މި އަޑުއިވެނީ. އެހެންވީމަ އެއަށް ދޭނެ ޖަވާބެއް ނުވެސް އޮންނާނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

މިރޭ ޑރ. ޝަހީމް ވަނީ އިބޫގެ ދޮޅު އަހަރުގެ ސަރުކާރުގެ ސިޔާސަތަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ދޮޅު އަހަރުގެ ސަރުކާރެއްގައި މިއަދުގެ ސަރުކާރުން ހިންގާ ފަދަ ބިޔަ ބޮޑު މަޝްރޫއުތައް ހިންގޭނެ އެއްވެެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ރައީސް އިބޫއަށް މުހިންމު ސުވާލުތަކެއް ކުރެއްވި ނަމަވެސް އެ ސުވާލުތަކަށް އިބޫ ވަކިވަކިން ޖަވާބު ދެއްވާފައި ނުވެއެވެ. އިބޫ ވިދާޅުވެފައި ވަނީ އެ ސުވާލުތަކަށް ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުން ޖަވާބު ލިބޭނެ ކަމަށެވެ.