ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދައުވާ ކޮށްފައިވާ ހަ މީހުންނާ ދެކޮޅަށް ދައުލަތުން ގިނަ އަދަދެއްގެ ހެކިތަކެއް ހުށަހަޅައިފި އެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވާ މީހުންނަކީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދެވެ.

އޭގެ ތެރެއިން ދައުވާއަށް އިންކާރުކޮށްފައި ވަނީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދު އާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލް އާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން އާއި މ. ކުދެހިގޭ ހަސަން ޝިފާޒެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް ދެން ތިބި ދެ މީހުން ދައުވާއަށް ޖަވާބުދާރީ ވެފައި ނުވާތީ ގާޒީ ވަނީ އެ މީހުން ދައުވާއަށް އިންކާރު ކުރީ ކަމަށް ބަލައި މައްސަލަ ކުރިއަށް ގެންދަވަން ނިންމަވާފަ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމަކީ ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން ހެކި ހުށަހެޅުމަށާއި ދިފާއުގައި ދައުވާ ލިބޭ ފަރާތްތަކުން ހެކި ހާމަ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

ދައުލަތުން ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ހުށަހެޅި ޝަފައީ ހެކީންގެ ތެރޭގައި އަށް ސިއްރު ހެކިވެރިން ހިމެނެއެވެ. އަދި ކިތާބީ ހެކީގެ ތެރޭގައި 16 ސިއްރު ލިޔުމެއް، ހަތް އިންޓެލިޖެންސް ރިޕޯޓު، ހަތް ވީޑިއޯ އެނަލިސިސް ރިޕޯޓު، ސީން އޮފް ކްރައިމް ރިޕޯޓު، ސައިބާ ކްރައިމް ރިޕޯޓު އަދި ތަހުގީގު ބަޔާންތައް ހިމެނެއެވެ.

ދިފާއީ ހެކި ހުށަހެޅުމަށް ދިން ފުރުސަތުގައި އިސްމާއިލް ހައިޝަމް ރަޝީދުއާއި، އަހުމަދު ޒިހާން އިސްމާއިލްގެ ދިފާއީ ވަކީލުން ވަނީ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތަކަށް އެދިވަޑައިގެންފައެވެ. ދިފްރާނުގެ ވަކީލު ވަނީ ދިފާއުގައި އެއް ޝަފައީ ހެކި ހުށަހަޅައިފަ އެވެ. އިސްމާއިލް ރަޝީދުގެ ވަކީލު ވިދާޅުވީ މިއަދު ހެކި ހުށަހެޅުމަށް ނުކުޅެދޭ ކަމަށާއި ފަހުން ހެކި ހުށަހަޅުއްވާނެ ކަމަށެވެ. ހަސަން ޝިފާޒްގެ ވަކީލު ވަނީ ދިފާއުގައި މިއަދު ތިން ހެކި ހުށަހަޅައިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދިފާއީ ހެކި ހާމަ ކުރުމަށާއި، ދައުލަތާއި ދައުވާލިބޭ ފަރާތްތަކުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފަ އެވެެ.

އެ މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ 18 ވަނަ ދުވަހު ކަމަށާއި އެގޭފަހުން ކޮންމެ ހަފްތާއަކުވެސް އެ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންދާނެ ކަމަށް ގާޒީ މިއަދު ވިދާޅުވިއެވެ.

ޔާމީން ރަޝީދު މަރާލައިފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ އިސްމާއިލް ރަޝީދާއި އިސްމާއީލް ހައިޝަމް ރަޝީދު އަދި އަހުމަދު ޒިހާން އިސްމާއީލެވެ.