ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް އެންވަޔަރަމެންޓް މިނިސްޓާ ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ތޯރިގު ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ރައީސް ޔާމީނާ އެކު ކަމަށެވެ. އަދި މި ސަރުކާރުން ވޯޓު އޮޅުވާ ނުލާނެ ކަމަށާއި ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނީ އެއް ލަކިން ކަމަށް ތޯރިގު ވިދާޅުވި އެވެ.

ތޯރިގު މިހެން ވިދާޅުވެފައިވާ އިރު ރިޔާސީ އިންތިޚާބުގެ ރީރެޖިސްޓްރޭޝަން ފޯމުތައް ޕީޕީއެމްގެ ޕޯސްޓުތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ އިރު ބައެއް ފޯމުތައް ހުށަނާޅާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއިން ވަނީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ ޝަކުވާ އިލެކްޝަންސް އިން ބަލައިގަނެފައިވާ އިރު ޕީޕީއެމް އިން ވެސް ވަނީ އެ ތުހުމަތު އިދިކޮޅު ފަރާތްތަކަށް ވެސް ކޮށްފަަ އެވެ

މީގެ ކުރިން އިދިކޮޅު ކޯލިޝަންގެ އިސް ބައެއް ލީޑަރުން ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން، އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ހުރިހާ މެމްބަރުން ބަދަލުކުރަންޖެހޭ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް، އިދިކޮޅުން މިހާރު ވަނީ ކެމްޕެއިން ފަށައި އިންތިހާބަށް ތައްޔާރުވާން ފަށައިފަ އެވެ.