17 Sep 2011, 13:09
އިސްލާމިކް މިނިސްޓްރީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ދެމެދު ހިޔާލު ތަފާތުވެ، ދެކޮޅު ދެކޮޅު ދެކޮޅަށް ބަދަލު ކުރުމަށް ފަހު، ދީނީ އެއްބައިވަންތަ ކަމުގެ ގަވާއިދު މިއަދު ގެޒެޓްކޮށްފި އެވެ.
ސަރުކާރުގެ ރަސްމީ ގެޒެޓްގައި މިއަދު ޝާއިއުކޮށްފައިވާ 12 ނުކުތާގެ ގަވާއިދުގައިވާ ގޮތުން އިސްލާމިކް މިނިސްޓްރީން ހުއްދަ ނުދޭ މީހަކަށް ދީނީ ތަގުރީރުދީ، އާންމުކޮށް ދީނުގެ ހުކުމްތައް ބަޔާނެއް ނުކުރެވެ އެވެ.
އެ މިނިސްޓްރީ އެފަދަ ހުއްދައެއް ދެނީ، އެ މިނިސްޓްރީ ގަބޫލުކުރާ، ޔުނިވަސިޓީ ނުވަތަ ކޮލަޖަކުން އިސްލާމް ދީންގެ ދާއިރާތަކުން ފުރަތަމަ ޑިގްރީ ނުވަތަ އެ އަށްވުރެ މަތީ ފާހެއް ލިބިފައިވާ މީހަކަށެވެ.
ބިދޭސީންނަށް ރާއްޖެ އައިސް ދީނީ ނަސޭހަތް ދެވޭނީ ވެސް އެ މިނިސްޓްރީ ގަބޫލު ކުރާ ޔުނިވަސިޓީއަކުން ފުރަތަމަ ޑިގްރީއަށް ވުރެ މަތިން އިސްލާމީ ތައުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި އެ މިނިސްޓްރީ ހުއްދަ ހޯދުމަށް ފަހު އެވެ.
"ރާއްޖޭގެ އިޖުތިމާއީ އުރުފާ ހިލާފުވާ ގޮތަށް ވާހަކަ ދައްކައި ދިވެހި ރާއްޖޭގެ ދާހިލީ ސިޔާސަތުތަކާއި ގާނޫނުތަކަށް ފާޑުކިޔައި ހަދައިގެން ނުވާނެ،" ގަވައިދުގައިވެ އެވެ.
ދިވެއްސަކު ވިޔަސް އަދި ބިދޭސީއަކު ވިއަސް، އިސްލާމީ އަގީދާއާ ފުށުއަރާ ގޮތަށް ދީނީ ނަސޭހަތް ނުދެވޭނެ ކަމަށް ވެސް އެ ގަވައިދުގައިވެ އެވެ. އަދި އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ގޮވައި ނުލެވޭނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.
އިސްލާމް ދީން ނޫން ދީންތަކުގެ ފޮތްތަކާއި އެ ދީންތައް ފަތުރައި ކުރިއަރުވާ ފޮތްތައް އާންމު ތަންތާގައި ގެންގުޅުމާއި އެފަދަ ލިއުންތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ބެހުން ނުވަތަ އާންމު ކުރުމަކީ، ގަވާއިދުގައިވާ ގޮތުން މަނާ ކަމެކެވެ. ނަމަވެސް އެކިއެކި އިލްމީ ދިރާސާތައް ކުރުމަށް އެހެން ދީންތަކުގެ ތަފާތު ބަޔާން ކުރުމާއި އިސްލާމް ދީންގައި އެހެން ދީންތަކުގައި ބަޔާންކޮށްފައި ހުރި ކަންކަން ބަޔާން ކުރުމަކަށް އެކަން ހުރަހެއް ނާޅަ އެވެ.
އެ ގަވާއިދުގައިވާ ގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތައް ކޯޓަށް ފޮނުވުމުގެ އިހްތިޔާރު ގަވާއިދުން އެ މިނިސްޓްރީ އަށް ލިބިދެ އެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހަކު ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.
އެ ގާނޫނާ ހިލާފުވާ ފަރާތްތައް ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމުގެ ފުރުސަތު ގާނޫނުން ލިބިދެ އެވެ.