މިހާރު ހަދަމުން އަންނަ ސިނަމާލެ ބްރިޖާ ގުޅުވާލައިގެން ހުޅުލެއިން ހުޅުމާލެއަށް ދެވޭ ގޮތަށް ހަދާ ހައިވޭގައި ތާރު އަޅަން ފަށައިފި އެވެ.

މިއަދު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޓްވިޓާގައި އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ހުޅުލެ-ހުޅުމާލެ ހައިވޭގެ ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ހައިވޭގެ މަސައްކަތް ސިނަމާލެ ބްރިޖުގެ މަސައްކަތް ނިމުމުގެ ކުރިން ނިންމާލަން އެޗްޑީސީއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ހުޅުލެ- ހުޅުމާލެ ހައިވޭއަކީ ބައިނަލް އަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް، ހަތަރު ކިލޯމީޓަރުގެ ދިގުމިނުގައި، ހަތަރު ލޭނަށް ފަރުމާކުރެވިފައިވާ ހައިވޭ އެއްކަމަށް އެޗްޑީސީއިން މީގެ ކުރިން ވަނީ ބުނެފައި އެވެ.

ހުޅުލެ-ހުޅުމާލެ ހައިވޭގެ ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ-- ފޮޓޯ: އެމްއޭސީއެލް

އެ ހައިވޭގައި ހުރިހާ ވައްތަރެއްގެ، ކުދި އަދި ބޮޑެތި އުޅަނދު ތަކަށް އެއްވެސް ދަތި ކަމަކާ ނުލައި ދަތުރު ކުރެވޭނެ ކަމަށާއި، އެ ހައިވޭ ނިމޭއިރު އެތަން ޕޭވް ކުރެވި، ކަރަންޓާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައްވެސް ފުރިހަމަ ކުރެވިފައި ހުންނާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

ހުޅުލެ-ހުޅުމާލެ ހައިވޭގައި ތާރު އަޅަން ފަށައިފައިވާ އިރު މާލޭގެ ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.