ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީ ރެޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުތަކުގައިވާ ފިންގަ ޕްރިންޓް ސައްހަތޯ ބަލައިދޭން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.

މީގެ ކުރިން 2013 ވަަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރި ރެޖިސްޓްރޭޝަން ފޯމުތަކުގެ ސައްހަކަން ބަލައިދިނީ ވެސް ފުލުހުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާއު އަހުމަދު އަކްރަމް ވިދާޅުވީ ރީ ރެޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގައި ވާ ފިންގަޕްރިންޓް ސައްހަތޯ ކަށަވަރު ކޮށްދިނުމަށް އެދި ފުލުހުންގެ އެހީތެރި ކަމަށް އެދިފައިވާނެ ކަމަށެވެ.

"ދެހާސް ތޭރައެކޭ ވެސް އެއްގޮތަށް އަޅުގަނޑުމެން ފުލުހުގައި އެދުނީ ރި ރެޖިސްޓްރޭޝަން ފޯމުތަކުގައިވާ ފިންގަ ޕްރިންޓް ސައްހަތޯ ކަށަވަރު ކުރަން،" އަކްރަމް ވިދާޅުވި އެވެ.

ރި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ފެށޭ މަހުގެ 11 ވަނަ ދުވަހާ ހަމައަށެވެ. އިލެކްޝަނުން ބުނީ ރެއާ ހަމައަށް ޖުމްލަ 17900 ފޯމު ރި ރެޖިސްޓްރީއަށް ހެދި ހުށަހަޅާފައިވާ ކަމަށެވެ.