30 Jul 2018, 13:57
އަންނަ ސެޕްޓެމްބަރު 4-15 އަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމު، ގަތަރުގައި ގިނަ ދުވަސްތަކެއް ވަންދެން ކޭމްޕް ކުރާނެ ކަމަށް އެފްއޭއެމްއިން ބުނެފި އެވެ.
ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕަށް އިއުލާން ކޮށްފައިވާ 30 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑާއި، މުބާރާތަށް ވަމުންދާ ތައްތާރީތަކާ ގުޅޭ ގޮތުން ރޭ އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ދަނޑު ބޭނުން ކުރުމުން، ދަނޑަށް ގެއްލުންތަކެއް ލިބި، ފަރިތަކުރުންތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
"ތަމްރީނުތައް ހެދުމަށް ކުޑަވަރެއްގެ ބަދަލުތަކެއް މިއައީ. ދަނޑުގެ ކަންތައްތަކާ ހުރެ. އެންމެ ރަނގަޅު ގޮތަކަށް ޓްރެއިން ހަދަން ބަލާ، ގަތަރުގައި ގައުމީ ޓީމު ފަރިތަކުރާ ގޮތަށް މި ނިންމީ. އަންނަ މަހު ހައެއް ހިސާބުގައި ގަތަރަށް ޓީމު ފުރާނެ. ދެން އޭރުން ފެށިގެން ޓީމު އެކޮޅުގައި ފަރިތަކޮށްފައި ރާއްޖެ ނައިސް، ބަންގާޅަށް ދާނީ،" ޖަވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަތަރުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ފަރިތަކުރުންތަކަށް ގަތަރަށް ދާން ނިންމި ނިންމުމާ ގުޅިގެން ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް ބުނީ ގަތަރަކީ ޓީމަށް ރަނގަޅު މާހައުލަކަށް ވާނެ ކަމަށެވެ.
އެގޮތުން ވަސީލަތްތައް ރަނގަޅުވުމުގެ އިތުރުން، ދިއުމުގެ ކުރިން ޓީމުގެ ކެއުމާއި ފަރިތަކުރުމުގެ ދަނޑުތަކަށް ވަރަށް ބޮޑަށް ވިސްނި ކަމަށް ވެސް ސެގަޓް ބުންޏެވެ.
ސާފް ސުޒުކީ ކަޕްގެ ނަމުގައި ސެޕްޓެމްބަރު 4-15 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ ބަންގާޅުގަ އެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީގަ އެވެ.
ރާއްޖެއާ އެކު ދެން ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާ އެވެ. އޭގެ ތެރެއިން އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމެވެ. އެޓީމު ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.
ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.