އިދިކޮޅު ކޯލިޝަނުގެ ސަރުކާރެއްގައި މަސްވަރިކަމާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ދުވަސްވީ މީހުންނަށް ހާއްސަކޮށް ޕެންޝަނެއް ދޭނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުޑަރިކިލަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އިދިކޮޅު އެކުލަވާލާ މެނިފެސްޓޯ ޒަމާނީ މަސްވެރިންނާއި ދުވަސްވީ މަސްވެރިންނަށް ވެސް ހާއްސަ ވާނެ ކަމަށެވެ. އަދި މަސްވެރިކަމާއި ދަނޑުވެރި ކަމުގައި ދުވަސްވީ ފަރާތްތަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ޕެންޝަނެއް ދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުތައް ތަފްސީލުވެގެން ދާއިރުގައި އެ ޕެންޝަން ދެވޭނީ ކޮން އުމުރެއްގެ ކިހާވަރެއްކަން އަޅުގަނޑުމެން ހާމަ ކުރާނަން. ހަމަ ޔަގީނުން ވެސް އަޅުގަނޑުމެން އެކަން ކޮށްދޭނަން." އިބޫ ވިދާޅުވި އެވެ.

ރަށްރަށަށް ގޮސް ވައުދުވާ ކަންތައްތަކަކީ ފައިސާ ބޭނުންވާނެ ކަންކަން ކަމަށާއި އޭނާ ރަށްރަށް އަރާ ކޮށްދޭނެ ކަމަށް ވައުދުވާ ކަންތައްތަކަކީ ދައުލަތުގެ އާމްދަނީން ކޮށްދެވޭނެކަން ޔަގީންވާ ކަންކަން ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އޭނާ ވައުދުވާ ކަންތައްތަކަކީ މިހާރުގެ ސަރުކާރުން ވެސް ކޮށްދެވޭނެ ކަންކަން ކަމަށާއި ދައުލަތުގެ ޕްރޮޖެކްޓްތައް ހަމަ އަގުގައި ކޮށްދޭ ނަމަ އެކަންކަން ހުންނާނީ ވެފައި ކަމަށެވެ.

އެކަމާ ގުޅުވައި އިބޫ ވަނީ ރައީސް ޔާމީނަށް ސުވާލެއް ކުރިމަތި ކުރުވައިފަ އެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލް 54 މިލިއަން ޑޮލަރަށް ބަޔަކު އަޅައިދޭން އޮއްވައި 142 މިލިއަން ޑޮލަރަށް އަޅައިދޭން ހުށަހެޅި ބަޔަކަށް ދޫކޮށްލެއްވީ ކީއްވެގެންތޯ އެވެ.

އަދި އެ ސުވާލުގެ ޖަވާބު ރައީސް ޔާމީން ރައްޔިތުންނަށް ދެއްވަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އިބޫގެ ސަރުކާރެއްގައި އެކަން ވީގޮތެއް ބައްލަވަވާނެ ކަމަށް ވިދާޅުވި އެވެ.

ކޯލިޝަނު ސަރުކާރެއްގައި ތައުލީމާ ބެހޭ ސިޔާސަތުތަކާއި ޒުވާނުންނަށް ހާއްސަ ސިޔާސަތުތައް ވެސް އެބަހުރި ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިގްތިސާދަކީ ނޫ އިގްތިސާދުގެ ގޮތުގައި އަޅުގަނޑުމެން ވާނެ މެނިފެސްޓޯގައި ލިޔެފައި. އެހެންވީމާ އޭގެ ތެރޭގައި މެރިޓައިމް އިންޑަސްޓްރީއާއި ޝިޕިންގް އާ ބެހޭ ސިޔާސަތުތައް ވެސް އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ހާމަ ކުރަމުން ގެންދާނަން." އިބޫ ވިދާޅުވި އެވެ.