ދިރާގު ދިވެހި ލީގުގެ ފަހު ބުރުގައި ނިއުރޭޑިއަންޓާއި ވާދަކޮށް ވީބީއިން މެޗު ކާމިޔާބު ކުރި ނަމަވެސް އުފާ ނުކުރާކަމަށް އެޓީމުގެ ކޯޗު ކޭން ވަންލީ ބުނެފިއެވެ. މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ވަންލީ ބުނެފައިވަނީ، ޓީމުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދާ ކުޅުންތެރިން ފިޓް ނުވުމުގެ ސަބަބުން ޓީމަށް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށެވެ.

"މިމެޗުން މޮޅުވި ނަމަވެސް އުފަލެއް ނުކުރަން. ދެވަނަ ހާފަށް ނުކުތުމުގެ ކުރިން ކުޅުންތެރިން ކައިރީ އަހަރެން ބުނިން އަހުލާގީ މިންގަނޑު ހިފަހައްޓާށޭ. އެހެން އެދިމާވީ ޓީމުގެ އިސް ކުޅުންތެރިންގެ ފިޓްނަސް ދަށްކަމުން. އެހެންވުމުން ޓީމަށް ހަމަހަމައަކަށް ނުއެއް ކުޅެވުނު." ވީބީ ކޯޗު ވަންލީ ބުންޏެވެ.

މިމެޗުގައި ވީބީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ހުރީ ފިޓްކޮށް ނޫންކަމަށާއި އޭނާ ބޭނުންކޮށްފައިވާނީ ބޮޑަށް ވިސްނުމުގެ ބޭނުން ކުރުމަށް ކަމަށް ކޯޗު ވަންލީ ބުންޏެވެ. ވަންލީ އިތުރަށް ބުނިގޮތުގައި ކުޅުންތެރިންގެ އެންމެ ބޮޑު މައްސަލައަކީ އެކިއެކި ސަބަބުތަކާހުރެ ފަރިތަކުރުންތަކަށް ހާޒިރު ނުވުން ކަމަށެވެ.

"ބައެއް ކުޅުންތެރިން ފުޓްސަލް މުބާރާތް ތަކުގައި ބައިވެރިވެ ލިބޭ އަނިޔާތަކުގެ ސަބަބުން ހަ ހަފުތާ ނުވަތަ ދިހަ ހަފްތާ ކުޅުމާ ދުރުގައި ހުންނަން ޖެހޭ. އެއް ކުޅުންތެރިއެއް އާއިލީ މައްސަލަތަކަކާއި ހުރެ ފަރިތަކުރުންތަކަށް ހާޟިރު ނުވާއިރު، އަނެއް ބައި ކުޅުންތެރިން ފަރިތަކުރުންތައް އެހެން ރަށްތަކަށް ފުޓުބޯޅަ މުބާރާތް ތަކުގައި ބައިވެރިވާން ފުރާނެ. މިއީ މިކަން ހިނގަންވާނެ ގޮތެއް ނޫން. އަޝްފާގު މިމެޗުގައި ހުރީ ފިޓްކޮށެއް ނޫން. އަހަރެން އޭނާ ބޭނުންކުރީ ބޮލުގެ ބޭނުން ހިފުމަށް،" ކޯޗް ވަންލީ ބުންޏެވެ.
މެޗަށްފަހު ވާހަކަދައްކަމުން ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި ނިއު ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ. ހަމައެކަނި ލިބުނު ހިތާމައަކީ މެޗުން ޕޮއިންޓެއް ނުލިބުންކަމަށް މޯހަން ބުންޏެވެ.

"އަނިޔާއާއި ސަސްޕެންޝަނުގެ މައްސަލަތަކާހުރެ ޓީމުގެ މުހިންމު ހަތަރު ކުޅުންތެރިއެއް ނުލާ މިމެޗު ކުޅެންޖެހުނީ. ނަމަވެސް ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކުރި. އަދި ކުޅުންތެރިންގެ ކުޅުމާމެދު ހިތްހަމަޖެހޭ. ހަމައެކަނި ލިބުނު ދެރައަކީ މިމެޗުން ޕޮއިންޓެއް ނުލިބުން. އަހަރެމެންނަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް މިމެޗުގައި ވެސް ލިބުނު. ލިބޭ ފުރުސަތު ތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން އެބަޖެހޭ. އަހަރެން ގަބޫލުކުރާ ގޮތުގައި ލީގުގައި ލަނޑުޖެހާނެ އެންމެ ގިނަ ފުރުސަތުތަކެއް ލިބުނީ އަހަރެމެންނަށް. އަދި ގިނަ ފުރަސަތުތަކެއް ބޭކާރުވީވެސް އަހަރެމެން އަތުން." ނިއުގެ ކޯޗު މޯހަން ބުންޏެވެ.

މިމެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ ނިއުގެ ކީޕަރު ލަވެންޓް ވަންލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައި ވީނަމަވެސް ވީބީއިން ޖެހި ގޯލު ޖަހާފައިވަނީ އޭނާ އަށް ހެދުނު ގޯހަކުން ނެވެ. މިކުށް ފެނުނު ނަމަވެސް ޒުވާން ކީޕަރު ވަންލީ އަކީ މޮޅު ކީޕަރަކަށް ވާނެކަމަށް ނިއުގެ ކޯޗު މޯހަން ގަބޫލުކުރެއެވެ. މީގެ އިތުރުން ލީގުގައި މިހާރު އޮތް ހިސާބަކީ އެޓީމު އޮވެގެންވާނެ ހިސާބުކަމަށް ނުދެކޭކަމަށް ވެސް މޯހަން ބުންޏެވެ.

"މޮޅު ކީޕަރަކަށް ވެގެންދާނީ ކުށްތަކެއް ހެދި އެކުށްތަކުން އިބުރަތްތަކެއް ލިބިގެން. ވިހި އަހަރުގައި އޭނާ ދައްކާ ކުޅުމަކީ މޮޅު ކުޅުމެއް. ލަވެންޓަކީ މޮޅު ކީޕަރަކަށް ވެގެންދާނެ. އަހަރެމެންނަށް މިހާރު ދެވަނަ މަގާމު ލިބުމުގެ ދޮރު މިވަނީ ބަންދުވެފައި. އަހަރެމެން ލީގުގައި މިހާރު އޮތް ހިސާބާމެދު ހިތްހަމައެއް ނުޖެހޭ. އަހަރެމެން އޮންނަން ޖެހޭނީ މިއަށްވުރެ ކުރީގައި. މިހެން މިދިމާވީ ލީގުގެ ފުރަތަމަ ތިން މެޗެއްގައި ބަލިވެ، ބައެއް މެޗުތައް މާ ފަސޭހަ ކޮށްލެވުމުން،" މޯހަން ބުންޏެވެ.
ވީބީ ހަ ޕޮއިންޓެއްގެ ލީޑުގައި މިވަގުތު އޮތީ ލީގުގެ އެއްވަނާގައެވެ. ވީބީއިން ލީގުގެ ތިންވަނަ ތަށި ހިތްލާލުމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. މިމެޗުން ބަލިވުމުން ނިއުއަށް ވަނީ ދެވަނަ މަގާމަށް އެރުމުގެ ފުރުސަތު ގެއްލި ހަތަރު ވަނައަށް ވެއްޓިފައެވެ.