30 Jul 2018, 12:08
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ހަވާލު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކަށް ހާއްސަކޮށް އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި އެމްޑީޕީން ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދާ ނަމަ ކޮންމެހެން ޖަވާބު ދޭން ޖެހޭ ސުވާލުތަކެއްގެ ރައީސް ޔާމީން ދޫކޮށްލެއްވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުން ޖަވާބު ހޯދަން ބޭނުންވާ ކަންތައްތަކަކާއި ޖަވާބު ލިބެން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އައުމަށް ފަހު ހިނގައި ދިޔަ ކަންކަމަށް އިބޫ ޖަވާބު ދާރީވާން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލަން ވައުދުވެ، ފަޅު ރަށްރަށް ބައެއް މީހުންނަށްދީ އެކަން ނުހިނގަން ދިމާވި ސަބަބު ސާފުކޮށްދޭން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"މިއަދު ވެސް ވިދާޅެއް ނުވެވޭ އެބޭފުޅުންގެ މެނިފެސްޓޯގައި ދިވެހިންގެ ހަރުމުދާ ހުންނާނީ ދިވެހިންގެ އެއްޗެއްގެ ގޮތުގައޭ. އެހެން ކަމަށް ވަންޏާ އަޅުގަނޑުމެން ސުވާލު ކުރަން އެބަޖެހޭ ކީއްވެގެންތޯ އަޅުގަނޑުމެންގެ އެއާޕޯޓު ބޭރު ބަޔަކަށް ވިއްކާލަން ޖެހުނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެއާޕޯޓު ބޭރު ބަޔަކަށް ވިއްކާލި އިރު ރާއްޖޭގެ ހަޒާނާއަށް ކުޑަ ކުޑަ އެއްޗެއް ލިބުނީ ކީއްވެތޯ ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އިބޫ އެޖަވާބު ދެއްވަން ޖެހޭ ސަބަބެއް ކަމަށް ރައީސް ޔާމީން ވިދާޅުވީ އިބޫ އަކީ އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަކަށް ވާތީ ކަމަށެވެ. އެއީ އެމްޑީޕީގެ ވެރިކަމެެއްގައި އެކަންކަން ހިނގާފައިވުމާއި، އޭގެ ފަހުން ވެސް އެ ޕާޓީގެ ގައުމީ މަޖިލީހަަށް ބަދަލު އައިސްފައި ނުވުމާއި އެބޭފުޅުންގެ ފިކުރަށް ބަދަލު އައިސްފައި ނުވުމަކީ އިބޫ އެކަންކަމަށް ޖަވާބުދޭން ޖެހޭ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެބޭފުޅުން އެބަ ވިދާޅުވެ ދެއްވަން ޖެހޭ ރައްޔިތުންގެ ކުރިމަތީގައި އިސްލާމީ އުސޫލުތައް ކިހާ ބަދަހި ކަމަކާއެކީ ކިހާ ވަރުގަދަ ކަމަކާއެކީ ހިންގައި ދޭނަންތޯ. އެބޭފުޅުން ވިދާޅުވެދެއްވަން އެބަޖެހޭ އަނެއްކާ ވެސް އަލްޓަނޭޓިވް ނެރޭޓިވްއަކަށް ޖާގަ ދޭނަންތޯ ނޫންތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އިސްލާމީ އިސޫލުތައް ހިފަހައްޓަން ބޭނުން ނަމަ މަރުގެ ހުކުމް ތަންފީޒު ކުރާނަންތޯ ގިސާސް ހިފާނަންތޯ އެސުވާލަށް އިދިކޮޅުން ޖަވާބުދޭން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަންކަމަކީ ދިވެހި ރައްޔިތުން ސުވާލު އުފައްދާ ކަންކަން ރައީސް ޔާމީން ވިދާޅުވި އެވެ.
"ވިދާޅުވެ ދެއްވަން ޖެހޭ ސަބަބަކީ މިކަންކަމާ ބީރައްޓެހި ފިކުރަކަށް އެ ފިކުރު ވާތީ. މިޖަވާބުތައް އަޅުގަނޑުމެން ރައްޔިތުން ވޯޓާ ހަމައަށް ދާއިރު ބޭނުންވޭ." ރައީސް ޔާމީން ވިދާޅުވި އެވެ.
އަދި ރާއްޖޭގައި އޭރު ކޮރަޕްޝަން ހިނގާފައި ހުރި މިންވަރާއި އެ މައްސަލަތައް ނުބެލުނީ ކީއްވެތޯ ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ނުފޫޒާ އެއްކޮށް އަދުލު އިންސާފުގެ ތެރެއަށް އަތްބާނައިގެން ފެބުރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުނީ ކީއްވެތޯ ޖަވާބުދޭން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.