30 Jul 2018, 11:15
އިންޑިއާގެ ހުޅަނގުގެ ވެސްޓް ބެންގޯލް ސްޓޭޓުގެ ނަން "ބަންގްލާ"އަށް ބަދަލުކުރުމަށް އެ ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުން ގަރާރެއް ފާސްކޮށް، އިންޑިއާގެ މައި ސަރުކާރަށް އެ ގަރާރު ހުށަހަޅައިފިއެވެ.
ހިންދުސްތާން ޓައިމްސް ނޫހުން ރިޕޯޓުކުރާ ގޮތުގައި، ވެސްޓް ބެންގޯލްގެ ނަން "ބަންގްލާ"އަށް ބަދަލުކުރުމަށް އެ ސްޓޭޓުގެ ސަރުކާރުން ބޭނުންވީ، އިންޑިއާގެ ސްޓޭޓުތައް ތަރުތީބުކުރެވިފައިވާ ލިސްޓުގެ ކުރިއަށް އެރުމަށެވެ.
އިންޑިއާގެ 29 ސްޓޭޓުގެ ލިސްޓު ތަރުތީބުކުރެވިފައި އޮންނަނީ އިނގިރޭސި އަކުރުގެ ތަރުތީބުންނެވެ. އެފަދަ ލިސްޓެއްގައި، ވެސްޓް ބެންގޯލްގެ ނަން އޮންނަނީ އެންމެ ތިރީގައެވެ.
ހިންދުސްތާން ޓައިމްސްއިން ބުނި ގޮތުގައި، ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ ކޮންމެ ގައުމީ ފެންވަރުގެ ބައްދަލުވުމެއްގައި ސްޓޭޓުތަކުގެ އިސްވެރިން ވާހަކަދައްކަވަނީ މި ތަރުތީބުން ކަމުން، ވެސްޓް ބެންގޯލްގެ ބޭފުޅުންނަށް ތަގުރީރުކުރައްވަން ލިބެނީ އެންމެ ފަހުން ކަމަށް ބުނެ އެ ސްޓޭޓުގެ ސިޔާސީ ބޭފުޅުން ޝަކުވާ ކުރައްވައެވެ. އެހެންކަމުން ވެސްޓް ބެންގޯލްގެ ނަން ބަދަލުކުރުމުގެ މަސައްކަތް 2016 ވަނަ އަހަރުން ފެށިގެން ވަނީ ފަށާފައެވެ.
އެ އަހަރު ވެސްޓް ބެންގޯލްއިން ހުށަހެޅީ އެ ސްޓޭޓަށް ބަންގާޅު ބަހުން "ބަންގްލާ"، ހިންދީ ބަހުން "ބަންގާލް" އަދި އިނގިރޭސި ބަހުން "ބެންގޯލް" ކިޔުމަށެވެ.
މިދިޔަ ހަފްތާގައި އެ ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވެސްޓް ބެންގޯލް ސްޓޭޓުގެ ޗީފް މިނިސްޓަރު މަމަޓާ ބެނާޖީ ވިދާޅުވީ، އިންޑިއާގެ މައި ސަރުކާރުން އެ ހުށަހެޅުމަށް އިޖާބައެއް ދިނީ ދާދި ފަހުން ކަމަށެވެ.

ވެސްޓް ބެންގޯލްގެ ގާނޫނު ހަދާ މަޖިލީސް --
"މައި ސަރުކާރުން ދާދި ފަހުން ބުނެފައިވަނީ ތަފާތު ތިން ނަމުގެ ބަދަލުގައި ކޮންމެވެސް އެއް ނަމެއް ހުށަހެޅުމަށް. މި ސްޓޭޓުގެ ސަރުކާރުން ހުށަހެޅީ 'ބަންގްލާ' މި ނަން. މި ގަރާރު ފާސްކޮށްދެއްވާ،" ވެސްޓް ބެންގޯލް ސްޓޭޓް ލެޖިސްލޭޓިވް އެސެމްބްލީގައި ޗީފް މިނިސްޓަރު މަމަޓާ ވިދާޅުވިއެވެ.
ވެސްޓް ބެންގޯލްގެ ނަން "ބަންގްލާ"އަށް ބަދަލުކުރާނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން އެ ގަރާރު ފާސްކުރުމުންނެވެ. އެ ގަރާރު ފާސްވެއްޖެނަމަ، އިންޑިއާގެ ސްޓޭޓުތަކުގެ ލިސްޓުގައި ވެސްޓް ބެންގޯލް، "ބަންގްލާ"ގެ ނަމާއެކު އަރާނީ ހަތަރުވަނައަށެވެ.
ނަން ބަދަލުކުރުމުގެ މައްސަލައިގައި ގިނަ ބައެއްގެ ހިޔާލު ތަފާތެވެ. ވެސްޓް ބެންގޯލްގެ ވިސްވާ ބާރަތު ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލަރު ރާޖަތު ކަންތާ ރޭ ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން އިލްމީ އަދި އަދަބީ އެކި ރޮނގުތަކުން ގިނަ މައްސަލަތަކެއް އުފެދޭނެއެވެ.
"ޅެންވެރިކަމާއި، އިޖުތިމާއީ ޢިލްމާއި، ފިލޯސޮފީއާއި ތާރީޚުގެ އިތުރުން ސިޔާސީ އިލްމުގެ ތެރެއިން މައްސަލަތަކެއް ދިމާވާނެކަމަށް ބެލެވޭ،" އޭނާ ވިދާޅުވިއެވެ.
ބައެއް މީހުން ބުނި ގޮތުގައި، މި ބަދަލު ގެނެސްފި ނަމަ ވެސްޓް ބެންގޯލް ޕްރޮވިންސާއި ބަންގްލަދޭޝްއާ ދެމެދު އޮޅުންތަކެއް އެރުމަކީ އެކަށީގެންވާ ކަމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަންގްލަދޭޝަށް ނިސްބަތްކޮށް "ބަންގްލާ" މި ނަން ބޭނުންކުރާ ކަމަށް ބައެއް މީހުން ބުންޏެވެ.
އެހެން ނަމަވެސް މި ބަދަލަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި، މިއީ ވެސްޓް ބެންގޯލްއާ ބަންގްލަދޭޝްއާ އިތުރަށް ގުޅުވައިދޭ ކަމެކެވެ.
"މި ސްޓޭޓުގެ ބޯޑަރުގެ އަނެއް ފަރާތުގައި މި އޮންނަނީ ބަންގްލަދޭޝް. މި ސްޓޭޓަށް ބަންގްލާ ކިޔުމުގައި މައްސަލައަކީ ކޮބާ؟" ވެސްޓް ބެންގޯލްގެ ލިޔުންތެރިޔާ މަނީ ޝަންކަރު މުކަރުޖީ ބުންޏެވެ.
އިންޑިއާ މިނިވަންވުމުގެ ކުރިން މިހާރުގެ ބަންގްލަދޭޝްއާއި ވެސްޓް ބެންގޯލް ސްޓޭޓު ހިމެނޭ މުޅި ސަރަހައްދަށް ކިޔަނީ "ބެންގޯލް"އެވެ. ނަމަވެސް 1947 ވަނަ އަހަރު އިންޑިއާ މިނިވަންވުމާ އެކު، ބެންގޯލް ސަރަހައްދުވެސް ވަނީ ދެބައި ކުރިއެވެ. އަދި ބެންގޯލްގެ ހުޅަނގު ފަޅި އިންޑިއާއަށް ދިން އިރު، އިރުމަތީ ފަޅި ދިނީ އޭރުގެ ޕާކިސްތާނަށެވެ. އިރުމަތީ ބެންގޯލްގެ ނަން ފަހުން އިރުމަތީ ޕާކިސްތާނަށް ބަދަލުކުރިއެވެ. ބަންގްލަދޭޝްގެ ނަމުގައި އިރުމަތީ ޕާކިސްތާނުގައި މިނިވަން ދައުލަތެއް އުފެދުނީ 1971 ވަނަ އަހަރުއެވެ.