އީރާން ރިޔާލްގެ އަގު ރެކޯޑް މިންވަރަކަށް ވެއްޓިފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އީރާން ފައިސާގެ އަގު މިހާރު އުޅެނީ ޑޮލަރަކަށް 100،000 ރިޔާލްގެ ގޮތުގަ އެވެ. އަދި ބްލެކް މާކެޓުގައި އެ އަގު އުޅެނީ ޑޮލަރަކަށް 102،000 ރިޔާލް އަށް ވުރެ މަތި ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެ އެވެ.

މަޝްހޫރު ނޫސް އެޖެންސީ އޭއޭފްޕީން ވެސް ވަނީ، އީރާނުގެ ބައެއް މީހުންނާ ހަވާލާދީ އެ ގައުމުގެ ފައިސާ ރެކޯޑް އަދަދަކަށް މިއަދު ވެއްޓިފައިވާ ކަން ޔަގީންވާ ކަމަށް ބުނެފަ އެވެ.

އީރާން ރިޔާލްގެ އަގު ވެއްޓެން ފެށީ އެމެރި އާ އެ ގައުމާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމާ އެކު އެވެ.

މާޗް މަހުގެ ތެރޭގައި ޑޮލަރަކަށް 50،000 ރިޔާލް ޖެހުމުން އެކަން ހައްލު ކުރުމަށް، އޭޕްރީލް މަހު އީރާން ސަރުކާރުން ފިޔަވަޅުތަކެއް އެޅި އެވެ. އަދި އެއާ އެކު ރިއާލްގެ އަގު މަތިވެ ޑޮލަރަކަށް 42،000 ރިޔާލް އަށް އެރި އެވެ.

ނަމަވެސް އަނެއްކާ ވެސް ރެކޯޑް މިންވަރަކަށް އަގު ދަށްވެގެން މި ދިޔައީ، އެމެރިކާ އިން ކުރިން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅާފާނެ ކަމަށް ބެލެވުމުންނެވެ.