ދިރާގު ދިވެހި ލީގުގެ ފަހު ބުރުގައި ނިއުރޭޑިއަންޓާއި ވާދަކޮށް 1-0 ލަނޑުން މެޗު ކާމިޔާބުކޮށް ވީބީއިން ލީގު ތަށި ކަށަވަރު ކުރުމާ ގާތަށް ޖެހިލައިފިއެވެ.

އިއްޔެ ހަވީރު ނިއުއާއި ދެކޮޅަށް ކުޅުނު މެޗުން ލިބުނު ތިންޕޮއިންޓާއެކު ދެވަނާގައި އޮތް ވިކްޓަރީއާ ދެމެދުވާ ފަރަގު ވެސް މިހާރުވަނީ ހަ ޕޮއިންޓަށް އިތުރު ވެފައެވެ. ނިއުއަށް ލިބުނު ނާކާމިޔާބީގެ ސަބަބުން ލީގުގެ ދެ ވަނައަށް އަރަމުން އައި އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް ކުރިމަތި ވެފައެވެ.

މެޗުގެ ފުރަތަމަ ފަނަރަ މިނެޓު ފެނިގެންދިޔައީ ދެޓީމު ވެސް ކުރީގައި ބޯޅަ ގެންގުޅެ ގިނަ ފުރުސަތު ތަކެއް ހޯދުމަށް މަސައްކަތް ކުރިތަނެވެ. އެގޮތުން ނިއު ކެޕްޓަން އަހްމަދު ތާރިގް (ޓޮމް) އަށް ގޯލު ޖަހާނެ ފުރުސަތެއް ލިބުނު އިރު މެޗުގެ 15 ވަނަ މިނެޓުގައި ވީބީގެ ބިދޭސީ ކުޅުންތެރިޔާ އަބޫ ދިން ބޯޅައެއް އިސްމާއިލް މުހައްމަދު (އިއްސެ) އަށް ވަނީ ނިއުގެ ގޯލު ތެރެއަށް ވައްދާލެވޭ ގޮތް ނުވެފައެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ވެސް އިއްސެ އަށް ހުސް ފުރުސަތެއް ލިބިފައި ވެއެވެ. އިއްސެގެ މިހަމަލާ ހުށިޔާރު ކަމާއެކު ނިއުގެ ކީޕަރު ލަވެންޓް ވަންލީ ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އަޝްފާގަށް ލިބުނު ފުރުސަތު ވެސް ނިއުގެ ކީޕަރު ލަވެންޓް ވަނީ ދުފާއު ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މިނެޓެއް ނުވަނީސް ނިއުގެ އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުސަތެއްގައި ވީބީ ކީޕަރު އިމްރާމް މުހައްމަދު ކަޓުވާފައި ދިޔަ ނަމަވެސް ރަނގަޅަށް ހަމަލާ އުފެއްދިފައެއް ނުވެއެވެ. މެޗުގެ 53 ވަނަ މިނެޓުގައި ވީބީގެ އިއްސެ އަށް ލިބުނު އިތުރު ހަމަލާއެއްގެ ބޭނުންވެސް ރަނގަޅު ގޮތެއްގައި ނުހިފުނެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު ފެނުނީ މެޗުގެ 72 ވަނަ މިނެޓުގައި ވީބީގެ އަހްމަދު ނާޝިދު ގެ ފަރާތުންނެވެ. ޝަމްވީލް ދިން ބޯޅައެއް ނިއުގެ ކީޕަރު ލަވެންޓް އަށް ނުހިފޭއްޓި ނާޝިދަށް ލިބުނު ހުސް ފުރުސަތު ގޯލު ތެރެއަށް ވައްދާލާ ނިއު ގޯލު ވަނީ ހުޅުވާލާފައެވެ. މިލަނޑަށްފަހު ވެސް ވީބީގެ އަޝްފާގަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އަޝަފާގު އުފެއްދި މިހަމަލާ އަމާޒުވީ ގޯލު ދަނޑިއާ އެވެ. މިމެޗު ނިމިގެންދިޔައީ 1-0 ލަނޑުން ވީބީ ކުރީގައި އޮވެގެންނެވެ.

ލީގުގައި ޓީމުތައް އޮތް ހިސާބަށް ބަލާއިރު، އެންމެ ކުރީގައި 41 ޕޮއިންޓާއެކު އުޅެނީ ވީބީއެވެ. ހަ ޕޮއިންޓް ފަހަތުން ވިކްޓަރީ ދެވަނާގައި އުޅޭއިރު ތިންވަނާގައި އުޅެނީ މާޒިޔާއެވެ. މާޒިޔާ އަށް 31 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނަ އަށް ވެއްޓުނު ނިއުއަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. ލީގުގެ ފަސްވަނާގައި 16 ޕޮއިންޓާއެކު ވެލެންސިއާ އުޅޭއިރު، އީގަލްސް އަށް އެއްޕޮއިންޓް މަދުން ލިބުމުގެ ސަބަބުން އުޅެނީ ހަވަނާގައެވެ.