30 Jul 2018, 08:47
އަށްޑިހައިގެ އަހަރުތަކުގައި މަޝްހޫރުވި ބަތަލާ ޕޫނަމް ދިލަންގެ ފިރިހެން ދަރިފުޅު އަންމޯލް ތަކޭރިއާ ބޮލީވުޑަށް ތައާރަފް ކުރަން ނިންމައިފިއެވެ.
އޭނާ ބޮލީވުޑަށް ތައާރަފް ކުރަން ނިންމާފައިވަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުންނެވެ.
"ޓިއުޒްޑޭޒް އެންޑް ފްރައިޑޭޒް" އެ ފިލްމުން އަންމޯލް ފެނިގެންދާއިރު މިހާރު ދަރިފުޅު ތައްޔާރުވަމުން އަންނަނީ ފިލްމުގެ މަސައްކަތް ފެށުމަށް ކަމަށް ޕޫނަމް ބުންޏެވެ.
ބޭރު ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕޫނަމް ބުނީ ހާއްސަކޮށް ބަންސާލީގެ ފިލްމަކުން ދަރިފުޅަށް ފުރުސަތު ލިބުމަކީ ފަހުރުވެރިވާ ކަމެއްކަމަށާއި މިއީ ދަރިފުޅަށް ލިބޭނެ އެންމެ ބޮޑު އެއް ނަސީބުކަމަށެވެ.
"ބަންސާލީ އަކީ ވަރަށް މޮޅު މީހެއް. އޭނާގެ ފިލްމަކުން ބޮލީވުޑަށް ނުކުންނަށް ދަރިފުޅަށް ލިބުނީމަ ވަރަށް އުފާވޭ. އަންމޯލްގެ ބެސްޓް މި ފިލްމުގައި ދައްކާނެ،" ޕޫނަމް ބުންޏެވެ.
ދާދި ފަހުން ލެޖެންޑް ސްރީދޭވީގެ އަންހެން ދަރިފުޅު ޖާންވީ ވަނީ ކަރަން ޖޯހަރުގެ ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފްވެފައެވެ.