30 Jul 2018, 03:57
ޕީޕީއެމްގެ ވިސްނުމާއި ފަލްސަފާ ދޫކޮށްލުމަށްފަހު ރިފޯމް ކުރެވޭނެ އެއްޗެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނާ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕާޓީން ރިފޯމް ގެންނަން ބޭނުންވި ހުރިހާ އެއްޗެއް އެހެރީ ޕާޓީގެ ފަލްސަފާގައި ލިޔެފައި ކަމަށެވެ.
"ޕާޓީގެ ފަލްސަފާގައި ލިޔެފައި އޮންނައިރު، އަޅުގަނޑުމެންގެ ޕާޓީގައި ހިމާޔަތްކުރާ ބަހާތަކެއް، އިސްކަންދޭ ކަންތައްތަކެއް، ރައްކާތެރިކުރާ މަސްލަހަތުތަކެއް، އަޅުގަނޑުމެން އެއަށް ރައްކާތެރިކުރާ މަސްލަހަތުތަކެއް ލިޔެފައި އެބަހުރި. އެއަކަށް ބަދަލެއް ނާދޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކެމްޕޭންގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރާ ފަރާތްތަކުން "މައުމޫން ރިފޯމް މޫވްމެންޓު"ގެ ނަމުގައި ހަރަކާތްތެރިވާން ފަށާފައި ވަނިކޮށެވެ.
ރައީސް މައުމޫންގެ އަރިސް ބޭފުޅެއް ކަމަށްވާ ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނާދިރާ ވިދާޅުވެފައި ވަނީ މައުމޫން ރިފޯމް މޫވްމެންޓު (އެމްއާރްއެމް) އަކީ މޫމްމެންޓެއް ކަމަށެވެ.
އެމްއާރްއެމްގެ ނަމުގައި ރައީސް މައުމޫނަށް ތާއީދު ކުރާ ފަރާތްތަކުން ހަރަކާތްތެރިވާން ފަށާފައި ވަނީ މި އަހަރުގެ މިނިވަން ދުވަހުއެވެ.
ނާދިރާ ވިދާޅުވެފައި ވަނީ މައުމޫން ރިފޯމް މޫވްމެންޓުން މިނިވަން ދުވަހު ނުކުތީ މިނިވަންކަން ގެނެސްދެވޭނެ ކެންޑިޑޭޓަކާއި ރަނިންމޭޓަކާއެކު މިނިވަން ކަމުގެ އުންމީދުތަކާއެކު ކަމަށެވެ.

އެމްއާރްއެމްގެ ނަމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ---
އެކަމާ ގުޅޭގޮތުން ރޭގެ ޖަލްސާގައި ބައެއް ކަންކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޕީޕީއެމް އަކީ އެމްޑީޕީ ބަލިކުރަން އުފެއްދި ޕާޓީއެކެވެ. އެހެންކަމުން މިއަދު ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ އެކު މަސައްކަތް ކުރައްވާތީ ހިނިއަންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އެހެންވީމަ އެބަޔަކަށްޓަކައި އެބަޔަކު ބަލިކުރުމަށް އުފެއްދި ޕާޓީއަކުން ނުކުމެގެން ގޮސް ރިފޯމް ކުރާ ވާހަކަ ދެއްކީމަ ދެން އަޅުގަނޑަށް ހީވަނީ ކަނޑާވެސް އެއްޗިހި ހިނިއަންނަ ގޮތަށް ހެން އެއްޗިހި އަންނާނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން އެމްޑީޕީއާ އެކު މަސައްކަތް ކުރައްވާތީ އެކަމާ މެދު ޕީޕީއެމްގެ މެމްބަރުން ވިސްނަންޖެހޭ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޕީޕީއެމްގެ "އޮޑިން ފުންމާލައިގެން" ދިޔަ މީހުންނަކީ ކޮންމެވެސް މުހުތާދެއް ނުވަތަ އަމިއްލަ އެދުމެއް ފުއްދުމަށް ބޭނުންވެފައި ތިއްބެވި ބޭފުޅުންތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމަށް ގެއްލުން ދިނީ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު މީހުން ކަމަށާއި އެކަން ކުރީ އިދިކޮޅު ފަރާތްތަކުން ނޫން ކަމަށެވެ.
ޕީޕީއެމްގެ "ލަގަން" އެމަނިކުފާނު ހިއްޕަވައިގެން ހުންނެވިހާ ހިނދަކު އެ ޕާޓީގެ އަސާސްތަކާ ޚިލާފުވެވަޑައިނުގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ކުރާ މަސައްކަތަކީ ރާއްޖެއަށް އުފާފާގަތި ކަމާއި ހަމަޖެހުން ގެނެސް ރާއްޖެ އަމާންތަނަކަށް ހެދުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި އެކަންކަމާ މެދު މީގެކުރިން އަަޅާނުލެވި އިހުމާލުވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ 2013 ވަނަ އަހަރު އެމަނިކުފާނު ނުކުންނެވީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި މީހުންނަށް އަދަބު ދެވިފައިހުރީ ގާނޫނާއި ޝަރީއަތުގެ ބޭރުން ކަމަށާއި އެއީ އަނިޔާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.