ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވަރަށް ވަފާތެރި ނައިބު ރައީސަކަށް ވެވަޑައިގެެންނަވާނެ ކަމަށް އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނާ ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީން އަރިހު އެކި ގޮތްގޮތުން މަސައްކަތް ކުރެވިއްޖެ ކަމަށާއި އެމަނިކުފާނުގެ ވަރަށް ބޮޑު އެހީތެރިކަން ލިބިވަޑައިގެންފައިވާ ކަމަށެވެ.

''އެމަނިކުފާނުގެ އަރިހުގައި މަސައްކަތްކުރުމަކީ އަޅުގަނޑު ވަރަށް ޝައުގުވެރިވީކަމެއް. އަޅުގަނޑު އިއްޒަތްތެރި ރައީސަށް ޔަގީންކަން މިއަރުވަނީ މާތްﷲ އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ވަރަށް ލޯބިވާ ނައިބު ރައީސަކަށް، އަޅުގަނޑު އިރާދަކުރެއްވިއްޔާ ވެގެންދާނީ ރައީސްއަށް ވަރަށް ވަފާތެރި ނައިބު ރައީސްއަކަށް،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ރަނިން މޭޓެއްގެ ގޮތުގައި ހުންނެވި ނަމަވެސް އޭނާ ހުންނަވާނީ އެހެނިހެން ވަޒީރުންތަކެކޭ އެއްފަދައިން ރައީސް ޔާމީންގެ ޓީމުގެ އެއް މެމްބަރުގެ ގޮތުގައި ކަމަށެވެ.

ރައީސަށް ހެޔޮ ލަފައެއް އަރުވަން ޖެހިއްޖެއްޔާ އަރުވާނެ ކަމަށާއި ރައީސް ޔާމީންގެ މެއަށް ވަޒަނެއް އަރާނީ އޭނާގެ މޭ ފޫ އަޅުވާލާފައިކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.