30 Jul 2018, 01:01
އަންނަ ރިޔާސީ އިންތިހާބުގައި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމުގެ ރަނިން މޭޓެއްގެ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކުރައްވައިފިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޑރ. ޝަހީމް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެން، މެމްބަރޝިޕް ފޯމް ރައީސް ޔާމީންއަށް އަރުއްވައިފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މިއީ އެމަނިކުފާނުގެ ހަޔާތަށް އައި ވަރަށް މުހިންމު ވަގުތުކޮޅެއް ކަމަށެވެ.
" ބުނެވޭ ގައުމެއްގެ ހަޔާތުގައިވެސް ފަރުދުންގެ ހަޔާތުގައިވެސް މުހިންމު ހިނދުކޮޅުތަކެއް އަންނާނެ ވާހަކަ. މި ހިނދުކޮޅަކީ އަޅުގަނޑުގެ ހަޔާތުގައިވެސް އަދި އަޅުގަނޑުމެންގެ ލޮބުވެތި ވަތަނުގެ ހަޔާތުގައިވެސް ވަރަށް މުހިންމު ހިނދުކޮޅެއް،" ޝަހީމް ވިދާޅުވިއެވެ.
ޕީޕީއެމްއަށް ސޮއި ކުރުމާ ބެހޭ ގޮތުން އަލިއަޅުވާލައްވައި ޑރ. ޝަހީމް ވިދާޅުވީ، އޭނާ އެ ޕާޓީއަށް ސޮއިކުރެއްވީ ހިތުގެ އަޑިން ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އަދި އިސްލާމް ދީން ކުރިއެރުވުމަށް ޕީޕީއެމްއިން ކުރަމުންދާ މަސައްކަތް ދަމަހައްޓައި އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެކަމަށް އެހީ ތެރިވުމަކީ ފަރުދީ ލާޒިމެއްކަމަށް ދެކިގެން ޕީޕީއެމްއަށް ސޮއިކުރެއްވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ ޒައާމަތުގައި ރައީސް ޔާމިން ހުންނެވި ހާ ދުވަހަކު އެމަނިކުފާނުގެ އަރިހުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވާނެ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.