30 Jul 2018, 00:26
ވެރިކަން ލިބިވަޑައިގެންފިނަމަ މުޅި ރާއްޖެއަށް ހަމަހަމަކަމާ އެކު ތަރައްގީ ގެނެސްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެފައިވާތީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކަމަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނާ ހަވާލުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހަމަހަމަ ކަމާއެކު ރާއްޖޭގެ ހުރިހާ ދިމާލަކަށް ތަރައްގީ ގެންނާނެ ކަމަށް ވިދާޅުވާއިރު، ބައެއް ސުވާލުތައް ކޮށްލަން އެބަޖެހޭ ކަމަށެވެ.
"އަދި އެބޭފުޅުން އެ ވިދާޅުވީ ރާއްޖޭގެ ހުރިހާ ދިމާލަކަށް ވެސް ހަމަހަމަ ކަމާއެކު ތަރައްގީ ގެންނާނަމޭ. ހަމަހަމަކަމާއެކު ތަރައްގީ ގެންދާއިރު، އަޅުގަނޑު ހަމަ ސުވާލުކޮށްލަން ބޭނުންވޭ ކީއްވެގެންތޯއޭ އޭރު އޮތް ސިއްހީ ފަރުވާދޭ ހޮސްޕިޓަލްތައް އުވާލައި، އަޅުގަނޑުމެންގެ ހަރުމުދާތައް ވިއްކާލައި މިކަންކަން ކުރީ ކީއްވެގެންތޯ އަހާލަންޖެހޭ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހުރިހާ ދިމާލަކަށް ތަރައްގީ ގެންގޮސް ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް ވިދާޅުވާއިރު، އެމްޑީޕީގެ ވެރިކަމުގައި ބާރު އޮވެމެ، މުސާރަ ބޮޑުނުކޮށް މުސާރަ ކުޑަކުރި ވާހަކަ ދައްކަން އެބަޖެހޭ ކަމަށެވެ.
"އަދި ކީއްތޯ އެމީހުންގެ މުސާރަ ކުޑަކުރުމާއި ސިވިލް ސާވިސް ތިންބައި ކުޅަ އެއްބައި ހަނިކުރަން އެބޭފުޅުން ވަކާލާތު ކުރައްވައި އެކަން ކުރެއްވި. ކޯޓަށް ގޮސްގެން އަޅުގަނޑުމެން އެ މަސައްކަތް ހުއްޓުވީ. އެހެންވީމަ ކިހިނެތްތޯ އެބޭފުޅުން އެ ވާހަކަ ދައްކައިގެން ދެކޮޅު ޖެހޭނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރީ އެމަނިކުފާނުގެ ޒައާމަތުގައި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މިއަދު އެތިބީ ކޮން ހުވަފެނެއްގަތޯ ރައްޔިތުން ކައިރީ ވިދާޅުވާން އެބަޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީ ވެރިކަމުގައި ރާއްޖޭގެ ހަރުމުދާތައް ވިއްކާލީމަ "ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓަންޖެހުނު ސަބަބު" ވެސް އިދިކޮޅު ފަރާތްތަކުން ވިދާޅުވެދެއްވަން އެބަޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުގެ ވެރިކަމެއްގައި އިގްތިސޯދު ކުރިއެރުވޭނެކަން ނުވަތަ ނޫންކަން އެނގޭނީ އެބޭފުޅުން އެ ސުވާލުތަކަށް ޖަވާބު ދެއްވުމުން ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އޭނާ އެދޭ ވެރިކަމެއްގައި އެމްއެންޑީއެފް އުވާލާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެފައިވާތީ އެކަމަށް ވެސް ރައީސް ވަނީ ރައްދު ދެއްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޖެއަށް ބޭރުގެ އުދުވާނީ ހަމަލާއެއް އަޔަސް ދިފާއުވުމަށް ނުކުންނަން ތިބީ ގައުމީ ދިފާއީ ބާރުގެ ސިފައިން ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުގެ އިސް ބޭފުޅުން ވިދާޅުވަނީ އެމްއެންޑީއެފް އުވާލާނެ ވާހަކަ ކަމަށެވެ. އަދި ދިފާއީ ބާރެއް ނެތި ރާއްޖެއަށް އޮތީ ކޮން އަމާންކަމެއްތޯ ރައީސް ސުވާލު އުފެއްދެވިއެވެ.
"ގައުމީ ދިފާއީ ބާރު ހަރަކާތްތެރި ވަނީ ހަމައެކަނި ރާއްޖެއަށް އުދުވާނެއް އައީމައެއް ނޫނޭ. ހަނގުރާމައިގެ ހާލަތެއްގައެއް ނޫނޭ. މީހެއްގެ މުދާ ގެއްލުނަސް ބޯޓެއް އަޑިއަށް ދިޔަޔަސް މި ނިކުންނަނީ ދިފާއީ ބާރޭ،" ރައީސް ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން އަމަލުކުރެއްވި ގޮތުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ. އެގޮތުން މި ސަރުކާރުން ހުށަހެޅި އެއްވެސް ބަޖެޓަކަށް އެމްޑީޕީން ވޯޓުދީފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި ކީއްތޯ އެ ބޭފުޅުންގެ އަރިހު ކަމަކު އެދި އަޅުގަނޑުމެން ދިޔައިން ބަޖެޓުތައް ހިފައިގެން މަޖިލީހަށް. ބަޖެޓާ އެއްކޮޅަށް އެބޭފުޅުން ދެއްވި ވޯޓެއް ނޯންނާނެ. އެހެންވީމަ ގައުމަށް އައި ތަރައްގީ، ގައުމުގެ ޚަޒާނާއަށް އައި ތަރައްގީ، އަޅުގަނޑުމެންނަށް އައި ތިޔާގިކަން ވަޒީފާތައް އުފެދިގެން ދިޔުން، އުމްރާނީ ތަރައްގީ މިއިން އެއްވެސް ކަމެއްގައި އިންޗިއެއްގެ ކޮންޓްރިބިއުޝަނެއް ވެސް އެބޭފުޅުންގެ ނޯންނާނެ،" ރައިސް ޔާމީން ވިދާޅުވިއެވެ.