މިފަހަރުގެ ރިޔާސީ އިންތިހާބުގައި ދޭ ވޯޓަކީ ސިޔާސީ ވޯޓަކަށް ނުހައްދަވައި، ގައުމީ ވޯޓެއްގެ ގޮތުގައި ވޯޓު ދިނުމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ލ. ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް އަބްދުﷲ ޔާމީންއަށް ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިފަހަރުގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް ރައީސް ޔާމީނަށް އެރުވުމުގެ ކުރިން ޕީޕީއެމްއިން ވަރަށް ބޮޑަށް ފުންކޮށް ވިސްނައި ދިރާސާ ކުރިކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ޒައާމާތުގައި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދަމަހައްޓައި އިސްލާމް ދީނުގެ ވަހުދަތު ދެމެއްޓުމަށްޓަކައި ކޮންމެ މަސައްކަތެއްވެސް އެމަނިކުފާނު ކުރައްވާނެކަން ޕީޕީއެމްއަށް ޔަގީންވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް ކަށަވަރުވެ ޔަގީންވީ ކަމަކީ ދިވެހިންގެ ޝަރަފުވެރިކަމުގައިވާ މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާ އެއްވެސް ކަމެއް އެމަނިކުފާނުގެ ވެރިކަމުގައި ނުކުރައްވާނެކަން. އަދި މި ގައުމު މުސްތަގިއްލު ގައުމެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކުރައްވަން ޖެހޭ ކޮންމެ ކަމެއް ކުރައްވުމުގެ ގާބިލްކަން ރައީސް ޔާމިންގެ ކިބައިގައި ހުންނެވިކަން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުުވީ، ރާއްޖޭގެ އިއްޒަތާއިި ގަދަރާއި އަދި ހައިބަތާއި ކަރާމާތް ދެމެހެއްޓުވުމުގައި ރައީސް ޔާމީން ފަސްޖެހިވަޑައިނުގަންނަވާނޭކަން ޔަގީންވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ދިވެހި ރައްޔިތުން އެދޭ ހުރިހާ ދާއިރާތަކުންވެސް ރާއްޖެއަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށާއި އަދި ވެރިކަމުގައި ދިމާވާނެ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރާއި ފަންވަރު އެބަހުރި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިކަންތައްތައް ތަކުގެ މައްޗަށް ވިސްނުމަށްފަހު، މިކަންތައްތަކުގެ އަލީގައި އަޅުގަނޑުމެންގެ ކައުންސިލްގެ ޕާޓީ އިއްތިފާގުވީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުގައުމެއްގެ ގޮތުގައި އޮންނަން ޖެހޭކަން. އަޅުގަނޑެމެންނަށް ގަބޫލުކުރެވުނީ ރައީސް ޔާމީން ފަދަ ލީޑަރަކާއެކީ ނޫނީ މިކަންތައްތައް ނުކުރެވޭނެކަން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ މިފަހަރު ދެވޭ ވޯޓަކީ ސިޔާސީ ވޯޓަކަށް ނުހަައްދަވައި ގައުމީ ވޯޓެއްގެ ގޮތުގައި ހެދުމަށް އިލްތިމާސްކުރައްވައިފައެވެ.