29 Jul 2018, 21:18
ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކޮށްފިއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޚާއްސަ ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނާ ހަވާލުކޮށްދެއްވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.
މިރޭގެ ޖަލްސާގައި ވަނީ ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ވެސް ރަނިން މޭޓް ކަމުގެ ޓިކެޓު ހަވާލުކޮށްފައެވެ. އެ ޓިކެޓު ހަވާލުކޮށްދެއްވީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ދިނުމަށް ޕީޕީއެމްގެ ކައުންސިލުން ފާސްކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހުގެ ރޭ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓުދޭން ނިންމާފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 61 ވަނަ މާއްދާއަށް ރިއާޔަަތްކޮށް ކަމަށެވެ. އަސާސީ ގަވާއިދުގެ 61 ވަނަ މާއްދާގައި ބުނެފައިވަނީ ޕާޓީ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކޮށް ހޮވިފައިވާ ބޭފުޅަކު ދެވަނަ ދައުރަކަށް ކުރިމަތިލާން ބޭނުން ވާނަމަ ޕާޓީން އެ ފުރުސަތު ދޭން ޖެހޭކަމަށެވެ.