ސްޕެއިންގެ ރެއާލް މެޑްރިޑަށް މޮރީނިއޯގެ ކޯޗުކަމުގެ ދަށުން މިސީޒަނުގައި ކާމިޔާބީ ލިބޭނެކަމަށް ގަބޫލުރާކަމަށް އެކުލަބުގެ ފޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މިސީޒަނުގެ ފުރަތަމަ ތަށި ރެއާލް މެޑްރިޑުގެ ވާދަވެރިންކަމަށްވާ ބާސެލޯނާއިން ހޯދީ ދެ ޓީމުގެ ފަރާތުން ހަމަނުޖެހުމެއް ފެނުމަށް ފަހުއެވެ. އެގޮތުން ރެއާލް މެޑްރިޑުގެ ކޯޗު ބާސެލޯނާގެ އެސިސްޓަންޓް ކޯޗަކަށް ހަމަލާވެސް ދީފައިވާތަން ފެނިގެންދިޔައެވެ. ނަމަވެސް ރޮނާލްޑޯ އަދިވެސް ގަބޫލުކުރާ ގޮތުގައި ރެއާލް މެޑްރިޑަށް ވާދަވެރި ބާސެލޯނާގެ މައްޗަށް ކާމިޔާބީ ހޯދޭނެއެވެ.

"ހޯސޭ މޮރީނިއޯ އާއެކު އަހަރެމެންނަކީ ވަރުގަދަ ޓީމެއް. އެކަމުގައި އެއްވެސް ޝައްކެއް ނެތް. މޮރީނިއޯ އަކީ އޭނާގެ އަމިއްލަ ދިފާއުގައި ވާހަކަ ދައްކާ ކޮންމެ ތަނެއްގައި ހުރިނަމަވެސް ކާމިޔާބީ ހޯދާ މޮޅު ކޯޗެއް. އަހަރެން އޭނާއާ އެކު މަސައްކަތް ކުރުމަށް އުފާކުރަން. މޮރީނިއޯ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް. މޮރީނިއޯ ފަހަތުގައި ހުރެ އަހަރެން ބޭނުންވަނީ ކާމިޔާބީތަކެއް ހޯދަން." ރޮނާލްޑޯ ބުންޏެވެ.

ރެއާލް މެޑްރިޑުގެ ތާރީޚާއި އެކުލަބަކީ ކޮންކަހަލަ ޓީމެއްކަމަށްވެސް ރޮނާލްޑޯ އަލި އަޅުވާލި އެވެ. "ރެއާލް މެޑްރިޑަކީ ދުނިޔޭގައި އޮތް އެންމެ މުއްސަނދި ކުލަބު. އަދި ހަމަ އެހެންމެ އެންމެ ގިނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކްލަބު. މިކަހަލަ ކުލަބެއް ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާ ކާމިޔާބު ނުކުރެވި ގިނަ ދުވަސްތަކެއް ހޭދަކޮށްގެން ނުވާނެ. އަހަރެން މިހިރީ ހުރިހާ ކަމެއް ބަދަލު ކުރުމަށް އަޒުމު ކަނޑައަޅައިގެން." ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯގެ ކުޑަ ހުޅަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އޭނާއަށް ވަނީ ސްޕެނިޝް ލީގުގައި މާދަމާރޭ ލަވެންޓެ އާ ދެކޮޅަށް ކުޅެވޭނެކަމާ މެދު ސުވާލު އުފެދިފައެވެ. ޔޫރަޕިއަންސް ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ޒަގްރެބް އާއި ދެކޮޅަށް މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އެޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް ރޮނާލްޑޯއާއި އަމާޒުވިއެވެ. ރެފްރީން ރޮނާލްޑޯ ފަދަ ހުނަރު ހުރި ކުޅުންތެރިން ރައްކާ ނުކުރާކަމަށް ބުނެ ރޮނާލްޑޯ ވަނީ ރެފްރީއަށް ފާޑުކިއުންތައް ރައްދުކޮށްފައެވެ.

"މެޗުތަކުގެ ކުރިން ރެފްރީން ބުނޭ އެމީހުން މޮޅުތި ހުނަރު ހުރި ކުޅުންތެރިން ރައްކާ ކޮށްދޭނަމޭ. އެވެދާނެ އަހަރެން މުއްސަނދި ވެފަ މޮޅު ކުޅުންތެރިއަކަށް ވީމަ ކަމަށް. އަހަރެން އެއްވެސް ވަރަށް ރެފްރީގެ ނިންމުންތަކާއި މެދު ހިތްހަމައެއް ނުޖެހޭ." ޗެމްޕިއަންސް ލީގުގައި ބުދަދުވަހުގެރޭ ކުޅުނު މެޗަށްފަހު ރޮނާލްޑޯ ބުންޏެވެ.