01 Jun 2010, 05:12
10:00
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ފެށޭއިރު މަޖިލީހުގެ މެޖޯރިޓީ އޮންނާނީ އެމްޑީޕީއަށް ކަމަށާއި، ޑީއާރުޕީ އާއި ޕީއޭގެ މެންބަރެއް މިހާރު އެމްޑީޕީއާ ގުޅިފައިވާ ކަމަށް މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ، އެމްޑީޕީއަށް ޕާލަމެންޓް މެންބަރުން އިތުރު ކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ދެ މެންބަރުންގެ އިތުރުން ވެސް އިތުރު އެހެން މެންބަރުންނާ ވާހަކަ ދައްކަމުން ގެންދަވާ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިދާރީ ދާއިރާތައް ލާމްރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކައުންސިލްތައް އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކަށް ފާޑު ވިދާޅުވަމުން އާދަމް މަނިކު ވިދާޅުވީ، ޑީއާރުޕީގެ ނުފޫޒު ބޭނުންކޮށްގެން އެ އުސޫލުތައް ގާނޫނުގައި ކަނޑައަޅައިފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި ގާނޫނުގައި އެކަން ކަނޑައެޅިފައި އޮތް ގޮތުން ގިނަ ވޯޓު ލިބޭ މީހާއަށް ކައުންސިލަށް ހޮވުމުގެ ފުރުސަތު އޮންނަ ކަމަށް ވެސް ވިދާޅުވި އެވެ.