29 Jul 2018, 17:44
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓުންނާއި ރަނިން މޭޓުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެމްއެންޑީއެފަށް އަންގައިފިއެެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދުު އަކްރަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓުންނާއި ނައިބުންނަށް އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ރައްކާތެރިކަން ފޯރުކޮށްދިނުމަށްް އިލެކްޝަން ކޮމިޝަނުން އެމްއެންޑީއެފްގައި އެދިފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު ހުޅުވާލުމާއެކު ބުރާސްފަތި ދުވަހު ވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއި ރަނިން މޭޓް ފައިސަލް ނަސީމް ފޯމު ހުށަހަޅުއްވާފައެވެ. އަދި އިއްޔެ އިލެކްޝަނުން ވަނީ އިބޫގެ ކެންޑިޑެސީ ބަލައިގަނެފައެވެ
އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް "ސަން" އަށް ވިދާޅުވީ މިހާތަނަށް ނުވަ ބޭފުޅަކު ރިޔާސީ އިންތިހާބުގައި ވާދަކުރާ ފޯމު ނަގާފައިވާ ކަމަށެވެ. ނަމަވެސް އިބޫ ފިޔަވައި އެހެން ބޭފުޅަކު އަދި ފޯމު ހުށަހަޅާފައި ނުވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އިބޫގެ އިތުރުން ދެން ރިޔާސީ އިންތިހާބްގައި ވާދަކުރައްވާނެކަން އިއުލާން ކޮށްފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިންނެވެ.
އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފައެވެ.