29 Jul 2018, 16:34
ސަރުކާރާއި ރައްޔިތުން ހިއްސާވާ ގޮތަށް އުފައްދާފައިވާ އެސްޓީއޯގެ ބައެއް ބޮޑެތި ވިޔަފާރީތައް ހުއްޓާލައި އެ ވިޔަފާރީތައް ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ހިންނަވަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ސަރުކާރުން ވިޔަފާރީ ކުރުމުގެ ސިޔާސަތު ދޫކޮށްލައްވައި ވިޔަފާރިވެރިންނަށް ވިޔަފާރީ ކުރުމުގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.
"އެސްޓީއޯ އިން އެ ކުރަމުންގެންދާ ބޮޑެތި ވިޔަފާރީތަކުގެ ތެރެއިން ބޮޑު ބައި އަޅުގަނޑުމެން އާންމު ވިޔަފާރިވެރިންނަށް ދޫކޮށްލާނެން. އެސްޓީއޯ އަކީ ހަމަ އެކަނި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭ ދައުލަތެއްގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކޮންމެހެން ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދިނުމަށް ވިޔަފާރީ ކުރާ ތަނެއްގެ ގޮތުގައި އަޅުގަނޑުމެން ބަދަލުކުރާނަން،" އިބޫ ވިދާޅުވި އެވެ.
ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ގިނަ ވިޔަފާރީތައް ބަގުރޫޓުވަމުންދާ ކަމަށް އިބޫ ތުހުމަތު ކުރެެއްވި އެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ޓެކްސް ނިޒާމަށް ގެންނަ ބަދަލުގެ ސަބަބުން މީރާ އަކީ ވިޔަފާރީވެރިން ބިރުގަންނަ ތަނަކަށް ވެގެން ނުދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"މީރާއަކަށް ބޭނުންހާ ގަވާއިދެއް ހަދައިގެނެއް ވިޔަފާރީވެރިންގެ އަތުން މަޖުބޫރުކޮށްގެނެއް ޖޫރިމަނާތަކެއް ނުކުރެވޭނެ. ރައްޔިތުންގެ އަތުން ނަގަންޖެހޭ ފައިސާއެއް ނަގޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން. އެއީ ގާނޫނު އަސާސީ ދަންނަ އުސޫލަކީ،" އިބޫ ވިދާޅުވި އެވެ.