29 Jul 2018, 15:29
ފާއިތުވި ތިން އަހަރުގެ ތެރޭގައި އަވައްޓެރި ބައެއް ގައުމުތަކަށް ދަތުރު ކުރުމުގެ އަގު ބޮޑުވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ކުރި ސާވޭއަކުން ދައްކައިފި އެވެ.
މިދިޔަ ޑިސެންބަރު މަހު އެމްއެމްއޭ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންދިޔަ ސާވޭ ރިޕޯޓުގައި ބުނެފައި ވަނީ އިންޑިއާ، ސްރީ ލަންކާ، މެލޭޝިޔާ އަދި ސިންގަޕޫރުގެ ޓިކެޓް ފާއިތުވި ތިން އަހަރުގެ ތެރޭގައި އަގުބޮޑުވެގެން ދިޔަ ކަމަށެވެ.
ޓިކެޓް އަގު ހެޔޮވެވެފައި ވަނީ، ދިވެހި ވިޔަފާރިވެރިން މުދާ ގަތުމަށް އެންމެ ގިނައިން ދަތުރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ތައިލޭންޑެވެ.
ބުދަ ދުވަހު އާންމުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން 2016 ވަނަ އަހަރާ އަޅާ ބަލާ އިރު އެންމެ އަގު ބޮޑުވީ ސިންގަޕޫރު ޓިކެޓެވެ. އެއީ 503 ޑޮލަރަށް ވިއްކި ދެކޮޅު ޓިކެޓް، މިދިޔަ އަހަރު 604 ޑޮލަރަށް ވިއްކުމުންނެވެ.
ސިންގަޕޫރުގެ އިތުރުން ދެ ވަނަ އަށް ޓިކެޓް އަގުބޮޑުވީ މެލޭޝިޔާ ޓިކެޓެވެ. މެލޭޝިޔާ ޓިކެޓް 2016 ގައި، 350 ޑޮލަރަށް ވިއްކި އިރު މިދިޔަ އަހަރު އެ އަގު ވަނީ 395 ޑޮލަރަށް އުފުލިފަ އެވެ.
މި ލިސްޓުގެ ތިން ވަނާގައި ހިމެނެނީ ބޭސްފަރުވާ އަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އިންޑިއާ އެވެ. އިންޑިއާގެ ޓިކެޓް މިދިޔަ އަހަރު ވަނީ 29 ޑޮލަރު ބޮޑުވެ، 307 ޑޮލަރަށް އަރައިފަ އެވެ.
ޓިކެޓް އަގު ބޮޑުވި ގައުމުތަކުގެ ތެރެއިން އެންމެ ކުޑަ މިންވަރެއް ބޮޑުވީ ލަންކާ ޓިކެޓުންނެވެ. އެގޮތުން 2016 ވަނަ އަހަރު 230 ޑޮލަރަށް ވިއްކި ޓިކެޓްގެ އަގު މިދިޔަ އަހަރު އުޅުނީ 233 ޑޮލަރުގަ އެވެ.
ތައިލޭންޑް ޓިކެޓްގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮވެ، 360 ޑޮލަރަށް ވެއްޓިފަ އެވެ. އެއީ 2016 ވަނަ އަހަރު ތައިލޭންޑް ޓިކެޓް ވިއްކި 477 ޑޮލަރާ އަޅާ ބަލާ އިރު 117 ޑޮލަރުގެ ވެއްޓުމެކެވެ.