ތިން ވަނަ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް އަޝްފާގު އާދަމް (އައްކަޅޭ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހޯދައިފި އެވެ. އައްކަޅޭ އާއި ކުޑަކާއްޓޭ ޗެމްޕިއަންކަން ހޯދީ އެއްވެސް މެޗަކުން ބަލި ނުވެއެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި އޮންނަ ދޮންވެލި ބީޗް ވޮލީބޯޅަ ކޯޓުގައި އިއްޔެ ހަވީރު ކުރިއަށް ދިޔަ ފިރިހެން އޯޕަން ބައިގެ ފައިނަލުގެ ޗެމްޕިއަންކަން އައްކަޅޭ އާއި ކުޑަކާއްޓޭ ހޯދީ ޝާމިލް އާއި އަކުބަރުގެ ޕެއާ ސީދާ ދެ ސެޓުން ބަލިކުރުމަށް ފަހުއެވެ. މި މުބާރާތުގެ އަންހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޔުމްނާ އަބްދުލް އަޒީޒާއި އައިޝަތު ނާޒިމާއެވެ.

މިމުބާރާތުގެ އަންހެން ބައިގެ ޓީމު އިވެންޓުގެ ފައިނަލު މެޗުވެސް އިއްޔެ ހަވީރު ކުރިއަށް ދިޔައެވެ. ސީދާ ދެސެޓުން މޮޅުވެ ސްޕޯޓްސް ކުލަބް ގުޑީސް ޗެމްޕިއަން ހޯދީ ޕޮލިސް ކުލަބާއި ވާދަކޮށް ގެންނެވެ. މިމުބާރާތުގެ ފިރިހެން ޓީމު އިވެންޓުވެސް ޕޮލިސް ކުލަބާއި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ސްޕޯޓްސް ކުލަބް ގުޑީސް އެވެ.

މިމުބާރާތުގެ ވަނަވަނައަށް ދިޔަ ކުޅުންތެރިންނާއި ޓީމުތަކަށް އިނާމުތައް ހަވާލުކޮށްދިނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަދި ވޮލީބޯޅަ އެސޯސިއޭޝަނުގެ އެގްޒެކެޓިވް މެމްބަރު މުހައްމަދު މުޖްތާޒް އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި އޮންނަ ދޮންގަނޑު ބީޗް ކޯޓުގައި ކުރިއަށް ގެންދިޔަ ތިންވަނަ ބީޗް ގައުމީ ވޮލީބޯޅަ މުބާރާތުގައި ތިން އަންހެން ޓީމާއި އަށް ފިރިހެން ޓީމު ބައިވެރިވި އެވެ. އޯޕަން ބައިގައި އަށް އަންހެން ޕެއާ އާއި 22 ފިރިހެން ޕެއާ ބައިވެރިވި އެވެ.