ސިނަމާލެ ބްރިޖު މަތިން ދަތުރުކުރާ ބަސްތަކަށް ޑްރައިވަރުން ހޯދަން އެމްޕީއެލް އިން އިއުލާނު ކޮށްފިއެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ބަހުގެ ޚިދުމަތް ފެށުމަށް ތައްޔާރީތައް ވަމުންދާ ކަމަށާއި ބަސް ދުއްވާނެ 45 ޑްރައިވަރަކު ހޯދަން އިއުލާނު ކޮށްފައިވާނެ ކަމަށެވެ.

"ކާރު، ވޭން ލައިސަންސް އޮންނަ މީހުންނަށްވެސް ކުރިމަތި ލެވޭނެ. މާލެ އަކީ އާންމުކޮށް ބަސް ދުއްވާ ތަނަކަށް ނުވާތީ ލައިސަންސް އޮތް މީހުންނަށްވެސް ޓްރެއިނިންތަކެއް ދޭނަން. ދެން އެ މީހުންނަށް ލައިސަންސް ހޯދައިިނުމުގެ ކަންތައް އެމްޕީއެލް އިން ކުރާނެ،" އޮފިޝަލު ވިދާޅުވިއެވެ.

ބްރިޖުމަތިން ދަތުރުކުރުމަށް ގެންނަ ބަސްތަކުގެ ފުރަތަމަ ޝިޕްމަންޓު މިމަހު ގެންނާނެ ކަމަށް އެމްޕީއެލް ވަނީ މީގެ ކުރިން ބުނެފައެވެ. ފުރަތަމަ ޝިޕްމެންޓުގައި ޖުމްލަ ނުވަ ބަސް ގެންނާނެއެވެ. އެއީ ހަތް ސިޓީ ބަހާއި ދެ ކައުޗް ބަހެވެ. މި ދަތުރުތަކުގައި ބޭނުން ކުރުމަށް ޖުމްލަ 22 ބަސް ގެންނާނެ ކަމަށް އެމްޕީއެލް އިން ވަނީ މީގެ ކުރިން ބުނެފައެވެ.

އެ ކުންފުނީގެ ސީއީއޯ އިބްރާހީމް އަބްދުރައްޒާގު ހަލީމް މީގެ ކުރިން ވިދާޅުވީ ބަސް ދަތުރުތަކަށް އެމްޕީއެލް އިން 100 މިލިއަން ރުފިޔާ އިންވެސްޓު ކުރާނެ ކަމަށެވެ.