ހުޅުމާލޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ އަހަރުގެ ފިރިހެން ކުއްޖަކަށް މިއަދު އަނިޔާވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހް މިއަދު ސަން އަށް ވިދާޅުވީ މިއަދު ހެނދުނު ހުޅުމާލޭގައި ޕިކެޕެއްގައި ޖެހިގެން ގެނައި ދެ އަހަރުގެ ކުއްޖާގެ ހާލު ސީރެއްސް ނޫން ކަމަށެވެ. ނަމަވެސް ހަށިގަނޑުގެ ބައެއް ތަންތަން ހަން މަށައިގެން ގޮސްފައި ހުރުމުން ފަރުވާ ދެމުން އަންނަ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު ހެނދުނު 10:15 އެހާކަންހާއިރު ހުޅުމާލޭގެ ހިތިގަސްމަގުން ހަ ނަންބަރު ގޯޅިން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެން ދެ އަހަރުގެ ކުއްޖަކަށް އަނިޔާވިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް އޮފިޝަލް ނުދެއްވަ އެވެ.

ހުޅުމާލޭގައި މި ފަހުން މަގުމަތީގެ އެކްސިޑެންޓްތައް ގިނަވެފައިވާ އިރު މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ވަނީ ބާރު ސުޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ޒުވާނަކު މަރުވެފަ އެވެ. އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ވަނީ މީހަކު މަރުވެފަ އެވެ. އެ އެކްސިޑެންޓުގައި މަރުވެފައި ވަނީ ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހުނު ހިނގާފައި ދިޔަ މީހެކެވެ.

ހުޅުމާލޭގައި އެކްސިޑެންޓައް ގިނަވެފައިވާ އިރު މީގެ ކުރިން ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެފައި ވަނީ ހުޅުމާލޭގެ މަގުތަކުގެ ސަލާމަތީކަންކަން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެކަމާ ގުޅޭ ހަރުދަނާ ޕްލޭންތަކެއް ފުލުހުން ގެންގުޅޭ ކަމަށެވެ.