ށ. ގާކޮށިބީގައި ހިންގާ ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓުގައި ބެހެއްޓި "ބުދުތައް" ނަގަން ރައީސް އޮފީހުން އެންގުމާ ގުޅިގެން އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އަދި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވީ ސިއްރު ފެންފުށި ރިސޯޓުގައި "ބުދުތަކެއް" ހުރިކަމުގެ މައުލޫމާތު ރައީސް އޮފީހަށް ލިބިފައިވާތީ އެ ބުދުތައް އިއްޔެގެ ނިޔަލަށް ނަގަން ޓޫރިޒަމް މިނިސްޓްރީއަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ.

ބުދުތައް ނަގަން ނިންމި ނިންމުމާ ގުޅިގެން އިދިކޮޅުގެ ބައެއް އެކްޓިވިސްޓުން ބުނަމުން ދަނީ އެ ނިންމުމުގެ ސަބުބުން ރާއްޖޭގައި އިންވެސްޓު ކުރަން ބޭނުންވާ ފަރާތްތަކުން ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ.

އަދި އެ ނިންމުމާ ގުޅިގެން ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ހާމިދު ވެސް ވިދާޅުވީ، "އަޅުގަނޑުމެންނަކީ މޮޔައިން ނޫންކަން" އިންވެސްޓަރުންނަށް ޔަގީންކޮށްދޭން ސަރުކާރަށް ޖެހޭ ކަމަށެވެ. އަދި ބުދުތައް ނެގުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ނިންމުމަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ ސިއްރު ފެންފުށީގައި ބެހެއްޓި ބުދުތަކަކީ އާޓްގެ މަސައްކަތްތެއް ކަމަށެވެ. އަދި އެ ބުދުތައް ނެގުން ވެގެންދާނީ އިސްރާފަކަށް ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ނަން މަޝްހޫރު ދީނީ އިލްމުވެރިން ވެސް ވަނީ އެއީ އަޅުކަން ކުރާ ފަދަ ބުދުތަކެއް ކަމަށް ބުނެ އެ ބުދުތައް ނެގުމަށް ގޮވާލައިފަ އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު "ސަން" އަށް ވިދާޅުވީ ބުދު ބަހައްޓާފައި ހުރި ގެލަރީ ހަދަން އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެމެންޓް ހެދި ނަމަވެސް، އެތަނުގައި ބަހައްޓަން އުޅުނީ އިންސާނުންގެ ސިފަ ރަމްޒުވާ ފަދަ ބުދުތަކެއް ކަން ސަރުކާރަށް އަންގާފައި ނުުވާ ކަމަށެވެ. އެހެން ނަމަވެސް ފަހުން އެކަން މީޑިއާ އިން އެނގިގެން އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުން، ރާއްޖޭގެ ގާނޫނާއި އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ރިސޯޓުން ދިން ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ސިއްރު ފެންފުށީގައި ހުޅުވި "އިންޓަ ޓައިޑަލް އާޓް މިއުޒިއަމް" އަކީ ދުނިޔޭގައި ވެސް ހުޅުވި އެފަދަ ފުރަތަމަ މިއުޒިއަމެވެ. "ކޮރަލޭރިއަމް"ގެ ނަން ދީފައިވާ އެ މިއުޒިއަމްގައި އިންސާނުން ރަމްޒުވާ ޖުމުލަ 14 ބުދެއް ބެހެއްޓި އެވެ.