29 Jul 2018, 13:18
މާލެ އަތޮޅު ވާދޫ ކައިރިއަށް ބަންޑުން ޖަހާލާފައި އޮތް ލޯންޗު ފެނިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މި ލޯންޗު ފެނިފައިވަނީ ކ.ގުޅިން މަސްވެރިކަން ކުރަން ނިކުމެ އޮތް ދޯންޏަކަށް ކަމަށެވެ.
ލޯންޗު ފެނިފައިވަނީ އެނބޫދޫ ކަނޑުއޮޅިން އޮޔާ ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެމްއެންޑީއެފް އިން ބުނީ ލޯންޗު ގުޅިއަށް ވައްދައި އޭތި ނެގުމުގެ މަސައްކަތް ދޯނީގެ މީހުން ކުރަމުންދާކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
ލޯންޗު ފެނުނު އިރު އޭގައި އެއްވެސް މީހަކު ނެތްކަމަށާއި އެ ލޯންޗު ފެނިފައިވަނީ މިއަދު މެންދުރު ކުރީ 11:37 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
ލޯންޗެއް ބަންޑުންޖަހާލާފައި އޮއްވައި ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ ރޭ 11:00 ހާއިރު އެވެ. ވާދޫ ރިސޯޓު ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލާފައިވާކަމަށް ބުނެ އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކުރީ މާލެއިން ފުރައިގެން އަނަންތަރާ ރިސޯޓަށް ދަތުރުކުރި "ޝާހީ 3" ނަމަކަށް ކިޔާ ދޯންޏަކުން ނެވެ. އޭރުވެސް ލޯންޗުގައި މީހަކު ނެތް ކަމަށް ދޯނިން ރިޕޯޓު ކުރި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ލޯންޗެއް ބަންޑުން ޖަހާލާފައި އޮއްވައި ފެނިފައިވާއިރު އެއްވެސް އުޅަނދެއް ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.