ލިވަޕޫލާ އަލަށް ގުޅުނު ސްވިޒަލޭޭންޑްގެ ތަރި ޒެރްދާން ޝަގީރީ ލިވަޕޫލަށް ކުޅުނު ފުރަތަމަ މެޗުގައިވެސް ހިތްގައިމު އޯވަހެޑް ގޯލެއް ޖެހުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ ޕްރި ސީޒަންގެ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ލިވަޕޫލުން 4-1ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައިވާ އިރު، އެމެ ޗުގައި ޝަގީރީ ކުޅެން އެރީ ފަހު ހާފްގައެވެ.

މިޝިގަން ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފަހު ހާފްގައި ކުޅެން ނުކުމެ، ކުޑަ އިރުކޮޅެއްގެ ތެރޭގައި ޝަގީރީ އެސިސްޓެއް ހަދާފައިވާ އިރު، އޭނާ ވަނީ ހިތްގައިމު ގޯލެއް ޖަހައިފައެވެ.

ސްޓޯކް ސިޓީން 13 މިލިއަން ޕައުންޑްގެ އަގެއްގައި ލިވަޕޫލަށް ބަދަލުވި ޝަގީރީ ޓީމާ ގުޅިފައި ވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

"ޓީމާ ގުޅުނުތަން ހަތަރު ދުވަސް ފަހުން އެކަހަލަ ކުޅުމެއް ދެއްކުމަކީ އާދައިގެ ކަމެއް ނޫން. ޝަގީރީ ވަރަށް ރަނގަޅަށް ލިވަޕޫލްގެ ކުޅުމަށް ހޭނިފައި ހުރީ. ވަރަށް ރަނގަޅަށް ލިވަޕޫލްގެ ސްޓައިލްގެ އޭނާ ކުޅެނީ،" މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު ޔާގަން ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނެފައި ވަނީ ލިވަޕޫލުން ކުޅުނީ ޝަގީރީއަށް ވަރަށް ބޮޑަށް ފްރީ ރޯލެއް ދީގެން ކަމަށެވެ. ހާއްސަކޮށް އެޓޭކް ތަކުގައި ޝަގީރީގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ ކަމަށްވެސް ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ލިވަޕޫލަށް ސޮއިކުރި ހިސާބުން ޝަގީރީ ކްލަބަށް ލޯބި ޖެހުނު ކަމަށާއި، ވޯލްޑް ކަޕަށްފަހު މާ ބޮޑު ޗުއްޓީއެއްވެސް ނެތި ޝަގީރީ ޓީމާއެކު ފަރިތަކުރަން ފެށުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

ކްލޮޕް އިތުރަށް ބުނީ ރޭގެ މެޗުން ނުކުތް ނަތީޖާއަކީ އޭނާއަށް ގަބޫލުކުރަން ދަތި ނަތީޖާއެއް ކަމަށާއި، މެޗުގައި ޓީމުގެ ކުޅުން ވަރަށް ރަނގަޅު ކަމަށެވެ.

ރޭގެ މެޗުގައި ޝަގީރީގެ އިތުރުން ލިވަޕޫލްގެ ގޯލްތައް ޖަހައިދިނީ ސަޑިއޯ މަނޭއާއި ޑެނިއަލް ސްޓަރިޖް އަދި ޝެއީ އޮޖޯއެވެ. ޔުނައިޓެޑާ ދެކޮޅަށް ރޭ ކުޅުނު މެޗަކީ މި ސީޒަންގެ ޕްރި ސީޒަންގައި އެ ކްލަބު ކުޅުނު އެންމެ ފަހު މެޗެވެ. ކްލަބުން ލީގު ފަށާނީ އަންނަ މަހު 12 ވަނަ ދުވަހު ވެސްޓްހަމްއާ ދެކޮޅަށެވެ.