29 Jul 2018, 12:16
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާ ވެރިކަމެއްގައި ވަޒީފާގެ ފުރުސަތުތައް ތަފާތުކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ހުޅުވާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ހެނދުނު ބ. ހިތާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ވެސް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.
"ވަކި ކުލައަކަށް ވަކި ފިކުރަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަފާތުކުރުމެއް ނެތި އަޅުގަނޑުމެން ހުޅުވާލާނަން،" އިބޫ ވިދާޅުވިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާ ވެރިކަމެއްގައި އެންމެ މުހިންމު މައްސޫލިއްޔަތަކީ އަދި އެންމެ މުހިންމު ވާޖިބަކީ ރާއްޖޭގައި އަދުލު އިންސާފު ގާއިމު ކުރުން ކަމަށް އިބޫ ފާހަގަކުރެއްވިއެވެ.
އިބޫ ވިދާޅުވީ އޭނާ އިސްވެ ހުންވައި އުފައްދާ ވެރިކަމެއްގައި، އިދިކޮޅު ފަރާތްތަކުން ބަދަލު ހިފަން މަސައްކަތް ނުކުރައްވާނޭ ކަަމަށެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި އިންސާފުން ބޭރުން ވަޒީފާ ގެއްލި ނުހައްގު އަނިޔާތައް ލިބެމުންދާ ފަރާތްތަކަށް އޭގެ ބަދަލު އަޅުގަނޑުމެން ހޯދައި ދޭނަން،" އިބޫ ވިދާޅުވިއެވެ.
ފައްޓަވާފައިވާ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫން ކަމަށާއި ކުރިމަތީގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އިބޫ ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ.
އިބޫ ވިދާޅުވީ ވޯޓުލާ ނިމުމަށްފަހު ވޯޓުގުނައި ނަތީޖާ އިއުލާން ކުރައްވަން ދެން ވޯޓު ފޮށިތަކުގެ ކައިރީގައި ތިއްބަވާނެ ކަމަށެވެ. އަދި ގެއަށް ވަންނާނީ ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލު ކުރެއްވުމުން ކަމަށެވެ.
"އެއަށްފަހުގައި އަޅުގަނޑުމެންގެ އަމާޒަކަށް ވެގެންދާނީ އަޅުގަނޑުމެންގެ ސަރުކާރެއްގެ ފުރަތަމަ 18 ނޫނިއްޔާ 20 މަސް ދުވަހުގެ ތެރޭގައި އިންތިގާލީ އަދާލަތު ގާއިމުކުރުމުގެ މަސައްކަތް،" އިބޫ ވިދާޅުވިއެވެ.
ބ. އަތޮޅަށް އިބޫ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.