މި ސީޒަނަށް މެންޗެސްޓަރ ސިޓީއާ އަލަށް ގުޅުނު އަލްޖީރިއާގެ މިޑްފީލްޑަރު ރިޔާދު މަހްރޭޒަށް އަނިޔާވެ މާޔޫސްކަން ކުރިމަތި ވެއްޖެއެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ސިޓީން ބަޔާން ބަލިކުރީ ފަހަތުންއަރައި، 3-2ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފްގައި މަހްރޭޒްގެ ފައިގެ ކުޑަހުޅަށް އަނިޔާވެގެން، އޭނާގެ ބަދަލުގައި ބްރެނާޑޯ ސިލްވާ ވަނީ ކުޅެން ނެރެފައެވެ. ޒުވާން ޓީމެއް ސިޓީން މެޗަށް ނެރެފައިވާ އިރު، ރޭގެ މެޗުގައި ސިޓީގެ ޒުވާން ޓީމު ވަނީ ވިދާލާފައެވެ.

ހާއްސަކޮށް ސިޓީއަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވަޑް ބްރަހީމް ޑިއާޒްގެ ވަރުގަދަ ކުޅުން ފާހަގަކޮށްލެވުނެވެ. މެޗުގެ ކުރީކޮޅުގައި ބަޔާންއިން ދެ ގޯލް ޖެހިއެވެ. އެގޮތުން މެރިޓަން ޝަބާނީ ޖެހި ގޯލުން ބަޔާން ލީޑު ނެގި އިރު، ދެވަނަ ގޯލް ޖެހީ އާރްޔެން ރޮބެންއެވެ.

ސިޓީގެ ގޯލްތައް ޖަހާފައި ވަނީ މަހްރޭޒްގެ ބަދަލުގައި ކުޅެން ނުކުތް ބްރެނާޑޯ ސިލްވާގެ އިތުރުން ޒުވާން އިންގްލެންޑް ފޯވަޑް ލޫކަސް މެޗާ އަދި ޑޭވިޑް ސިލްވާއެވެ.

މަހްރޭޒްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ސިޓީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން މިއަދުގެ ވަގުތެއްގައި މަހްރޭޒްގެ ފައިގެ އިތުރު ސްކޭންތަކެއް ހަދާ އޭނާގެ އަނިޔާގެ ތަފްސީލު ބަލާނެއެވެ.

ސިޓީން ސީޒަނަށް ތައްޔާރުވަމުންދާ އިރު، އެޓީމުން ފުރަތަމަ ކުޅެން ޖެހޭ މެޗަކީ އަންނަ އާދީއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗެވެ.