ގުދުސް (ޖުލައި 29): އިސްރާއީލަކީ ޔަހޫދީ ދަރިކޮޅުގެ މީހުންނަށް ނިސްބަތްވާ ގައުމެއް ކަަމަށް ބުނާ ގާނޫނެއް އެގައުމުން ފާސްކުރުމާ ގުޅިގެން، އިސްރާއީލްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އިސްތިއުފާ ދެއްވައިފި އެވެ.

އިސްރާއީލްގެ އަރަބި ރައްޔިތެއް ކަމަށްވާ ޒުހައިރު ބަހުލޫލު ވަނީ އެގާނޫނު ފާސް ކުރުމުން މަޖިލީހަށް ފާޑު ވިދާޅުވެފަ އެވެ. އަދި އޭގެއިން އެނގިގެންދަނީ އެމަޖިލީހަކީ ނަސްލީ ގޮތުން ތަފާތު ކުރާ އަދި ހައްދު ފަހަނަ އަޅާފައިވާ ތަނެއްކަން ކަމަށް ވިދާޅުވެފަ އެވެ.

"އެގާނޫނު ފާސް ކުރުމުން އިސްރާއީލުގައި އަރަބިންނަށް ހަމަހަމަކަން ދިނުން ހުއްޓުވޭ،" ބަހުލޫލު ވިދާޅުވި އެވެ.

މިމަހުގެ 19ގައި ފާސް ކުރި އެގާނުނުގައިވާ ގޮތުން އިސްރާއީލަކީ ހަމައެކަނި ޔަހޫދީންނަށް ހާއްސަ ގައުމެކެވެ. އަދި އެގާނޫނުގައި ވަނީ އިސްރާއީލުގެ ގައުމީ ބަހަކީ ޢިބްރީ ބަސް ކަމަށާއި މުޅި ގުދުސަކީ އެ ގައުމުގެ ވެރިރަށް ކަމަށް ބުނެފަ އެވެ.

މީގެ ކުރިން އަރަބި ބަހަކީ ވެސް އިސްރާއީލްގެ ގައުމީ ބަހެކެވެ. ނަމަވެސް އެގާނޫނާ އެކު އެ ގައުމުގެ އަރަބި ބަހަށް ދީފައިވާ ދަރަޖަ ވަނީ ދަށްކޮށްފަ އެވެ.

އޭގެ ސަބަބުން އިސްރާއީލުގައި ދިރިއުޅޭ އަރަބިން ވަނީ ގާނޫނާ ދެކޮޅަށް އަޑު އުފާލައިފަ އެވެ. އަދި އިސްރާއީލުގެ އަރަބި މަޖިލިސް މެމްބަރުން ވަނީ އެބިލުގެ ކޮޕީތައް ވީދާ، މަޖިލީހުގެ ތެރޭގައި ހަޅޭއްލަވާފަ އެވެ. އަދި ބިލް ފާސްކުރުމުގެ ކުރިން އެމެމްބަރުން ވަނީ މަޖިލީހުން ބޭރުކޮށްފަ އެވެ.

އިސްރާއީލުގައި ދިރިއުޅޭ އަރަބީންގެ އާބާދީ 1.8 މިލިއަނަށް އަރަ އެވެ. އެއީ އެ ގައުމުގެ އާބާދީގެ 20 ޕަސެންޓެވެ.

އިސްރާއީލުގެ ގާނޫނު އަސާސީގައިވާ ގޮތުން އެ ގައުމުގައި ދިރިއުޅޭ އަރަބީންނަށް ވެސް ހަމަހަމަ ހައްގުތައް ދޭން ޖެހެ އެވެ. ނަމަވެސް އަރަބިން ވަނީ އެ މީހުންނަށް ތައުލީމާއި ސިއްހީ ހިދުމަތްތަކާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ތަފާތުކުރުންތައް މިހާރު ވެސް ގެންގުޅޭ ކަމަށް ބުނެފަ އެވެ. (ބީބީސީ)