ސެޕްޓެމްބަރ 23 ގައި ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި އިތުރު ދެ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފިއެވެ.

މިފަހަރު ވޯޓު ފޮށި ބަހައްޓަން ނިންމި ދެ ރިސޯޓަކީ ދިގަލި މޯލްޑިވްސް (ރ.ދިގަލި) އަދި އޮބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލަނގެލި (ކ. ހެލެނގެލި)އެވެ. އަދި އެ ދެ ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރާ ދެ ރިސޯޓުގެ މުވައްޒަފުންގެ އިތުރުން ރަޖިސްޓްރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނަށް ވެސް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ނަމަވެސް އެ ދެ ރިސޯޓްގައި ވޯޓު ފޮށި ބަހައްޓަން ނިންމާނީ ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ކޮންމެ ފޮއްޓަކަށް ވެސް ވޯޓުލުމަށް މަދުވެގެން 100 މީހުން ރީރެޖިސްޓްރީ ކުރުމުން ކަމަށް އިލެކްޝަން ކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ ހަތް ރިސޯޓުގައެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ކޮންބޮޑުވުންތަކާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އިތުރު ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހަތް ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް އެންމެ ފުރަތަމަ ނިންމި ނަމަވެސް ފަހުން ވަނީ ތިން ފަހަރެއްގެ މަތިން އިތުރު ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އިއުލާން ކޮށްފައެވެ. އެގޮތުން ދެވަނަ ފަހަރު 29 ރިސޯޓު އަދި އޭގެ ފަހުން ހަ ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ އިއުލާން ކޮށްފައެވެ. އަދި އިއްޔެ ވޯޓު ފޮށި ބަހައްޓަން އިއުލާންކުރި ދެ ރަށާއި އެކު މިހާރު ވޯޓު ފޮށި ބެހެއްޓުމަށް އިއުލާންކޮށްފައިވާ ރިސޯޓުތަކުގެ އަދަދު 44 އަށް އަރާފައެވެ.

ދެހާސް ތޭރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި 56 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިއުލާން ކުރި ނަމަވެސް ރީ ރަޖިސްޓްރޭޝަނަށްފަހު ވޯޓު ފޮށި ބަހައްޓާފައިވަނީ 42 ރިސޯޓުގައެވެ.