އެއްވެސް އުޅަނދެއް ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން މިހެންް ބުނެފައިވަނީ ވާދޫ ރިސޯޓު ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލާފައިވާކަމަށް ބުނެ ރިޕޯޓެއް ލިބުމާ ގުޅިގެންނެވެ. ލޯންޗެއް ބަންޑުން ޖަހާލާފައި އޮއްވާ ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކުރީ މާލެއިން ފުރައިގެން އަނަންތަރާ ރިސޯޓަށް ދަތުރުކުރި "ޝާހީ 3" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށާއި އެ ލޯންޗުގައި މީހަކު ނެތް ކަމަށް ދޯނިން ބުނި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ބަންޑުން ޖަހާލާފައިވާކަމަށް ބުނެ ރިޕޯޓު ލިބުނު ލޯންޗަކީ ކޮންނަމެއް ކިޔާ، ކޮން ރިސޯޓަކަށް ނިސްބަތްވާ ނުވަތަ ކޮން ކުންފުންޏަކަށް ނިސްބަތްވާ ލޯންޗެއްކަމެއް އެނގިފައި ނުވާ ކަމަށެވެ.

"މި ލޯންޗު އަދިވެސް ނުފެނޭ. އެހެން ކަމުން މި ސަރަހައްދުން ދަތުރު ކުރާ އުޅަނދުތައް މިކަމަށް ސަމާލުކަން ދިނުން އެދެން. އަދި މި ލޯންޗާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑަށް ހިއްސާ ކޮށްދިނުން އެދެން،"

ބަންޑުން ޖަހާލާފައިވާ ލޯންޗެއް ފެނުނު ކަމަށް ބުނެ އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައިވަނީ ރޭ 11:00 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.