އެޕަލްގެ އައިޕެޑުގެ ޑިޒައިނަށް ބަދަލު ގެނެސްފާނެ ކަމަށާއި މި ބަދަލާއެކު އައިޕެޑުގެ ސައިޒު ކުޑަކޮށް، ހެޑްފޯނު ޖެކް ވެސް ގެއްލުވާލާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ އިތުރުން އައިފޯނުގައި ހިމެނޭ ފޭސް އައިޑީ ފަދަ ފީޗާސްތައް ދެން ނެރޭ އާ އައިޕެޑުގައި ހިމަނާނެ ކަމަށްވެއެވެ. މި ފީޗާ އައިޕެޑުގައި ހިމަނާނެ ކަމަށް ވާހަކަ ދެކެވޭތާ ލައްކަ ދުވަސް ވެއްޖެއެވެ.

އެޕަލްގެ އާ އުފެއްދުންތަކާއި އެ ކުންފުނީގެ އުފެއްދުންތަކަށް ގެންނަ ބަދަލުތައް ދައްކައިދޭ އިވެންޓު ސެޕްޓެމްބަރު މަހު އޮންނާނެއެވެ. އަލަށް ނެރޭ އައިފޯނުތަކާއި އައިޕެޑުތައް ދައްކާލާނީ މި އިވެންޓުގައެވެ.

ހަބަރުތައް ބުނާގޮތުން މި އަހަރު އެޕަލް އިން އަގުހެޔޮ އައިފޯނުތަކެއް ނެރޭނެއެވެ. އެކުންފުނިން މިދިޔަ އަަހަރު ނެރުނު އަގުބޮޑު އައިފޯނު އެކްސް އަށް ލިބުނު ފިނި ތަރުހީބާއެކު އައިފޯނު އެކްސްގެ އަގުހެޔޮ މޮޑެލްތަކެއްވެސް މި އަހަރު ބާޒާރަށް ނެރޭނެކަމަށް ހަބަރުތައް ބުނެއެވެ.