ރާއްޖޭގެ ޓުއަރިޒަމްގެ ދާއިރާ އިތުރަށް ފުޅާކުރުމަށް މިހާރު އޮތް ވަރަށް ވުރެ ބޮޑު ބަޖެޓެއް ކަނޑައަޅާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ އޭނާ ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތުޅާދުއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ ޖަލްސާގައި އިބޫ ވަނީ އޭނާގެ ބައެއް ސިޔާސަތުތައް ހާމަކުރައްވާފަ އެވެ.

މިރޭގެ ޖަލްސާގައި އިބޫ ވިދާޅުވީ ޓުއަރިޒަމް ޕްރޮމޯޓު ކުރުމަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި ވަނީ ތިން މިލިއަން ޑޮލަރު ކަމަށެވެ. އެއީ މަދު އަދަދެއްކަމަށް ފާހަގަކުރައްވައި އިބޫ ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ ޓުއަރިޒަމް އިޝްތިހާރު ކުރަން ބޮޑު ބަޖެޓެއް ކަނޑަައަޅުއްވާނެ ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ފަތުރުވެރިން އަންނަމިންވަރު އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ޓުއަރިޒަމްގެ ދާއިރާ ރާއްޖޭގައި މިހާރު އޮތް ވަރަށް ވުރެ ފުޅާކޮށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެ ސިނާއަތުން މަންފާ ހޯދޭނީ ނަގާ ޓެކްސްއަކުން އެކަނި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ ވެރިކަމުގައި ގެސްޓުހައުސްގެ ސިޔާސަތެއް އަޅުގަނޑުމެން މުޅި ރާއްޖެއަށް ފެތުރީމު. ކުރިއަށް އޮތްތަނުގައި މި އުފެދޭ ކޯލިޝަނުގެ ސަރުކާރުގައި އެ ގެސްޓް ހައުސް ސިޔާސަތު ފުޅާކޮށް މުޅި ރާއްޖެއަށް ހުޅުވާލާނަން،" އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމުގައި މައްސަލަތެއް އެބަހުރި ކަމަށާއި އެ މައްސަލަތައް ހައްލު ކުރަން އޭނާގެ ސަރުކާރެއްގައި މަސައްކަތް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އެތެރޭގެ ފްލައިޓު ދަތުރުތަކުގެ ޓިކެޓު އަތް ފޯރާ ހިސާބަށް ގެންނާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ތުޅާދޫގައި ހިއްކާފައި އޮތް ބިމުގެ ބޭނުން ފުރިހަމަގޮތެއްގައި ހިފާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ބިން ހިއްކުމަށް ފަހު ހިއްކާފައިވާ ބިމުގެ ބޭނުން ނުކޮށް ހުރި ރަށްތަކަށް ޚާއްސަ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރު ކުރައްވައި އެ ބިންތަކުން ގޯތި ދޫކުރަން ފައްޓަވާނެ ކަމަށެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހައްގު އަގެއް އޭނާގެ ސަރުކާރެއްގައި ލިބޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ މަސްކަނޑުތަކަކީ ހަމައެކަނި ދިވެހީންގެ ތަނެއްކަން ކަށަވަރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.