މާލެއިން ތެޔޮ ބަރުކޮށްގެން ތ. ތިމަރަފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ވ. އަލިމަތާ ރިސޯޓް ކައިރީގައި ފަރަކަށް އުރި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެ ދޯނީގެ ބައެއް ސާމާނު އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުފަތުރުކުރާ ފަރާތްތައް ސަމާލުވުމަށް ކޯސްޓް ގާޑުން އިލްތިމާސްކޮށްފި އެވެ.

ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ތެޔޮ ބަރުކޮށްގެން، ދަތުރުކުރަނިކޮށް އަލިމަތާ އާ ގާތްގަނޑަށް 3.5 މޭލް ބޭރުގައި އޮންނަ ފަރަކަށް އަރައި އަލިފާން ރޯވި "ރިޝްވާ 4" އިން ކަނޑަށް ބޭރުވި ބައެއް މުދާ އެ ސަރަހައްދަށް އޮޔާ ގޮސްފައިވާ ކަމަށެވެ.

އެ ދޯނިން ވީއްލި އެ ސަރަހައްދުގެ ކަނޑަށް އޮޔާ ދާ އެއްޗެހީގެ ތެރޭގައި ދޯނީގައި ހިފައި ގެންގުޅުމަށް ބޭނުން ކުރި ބައެއް ސާމާނުގެ އިތުރުން، ފައިބަރު ޓޭންކާއި ތެޔޮ އަޅަން ބޭނުން ކުރާ ކަހަލަ ތާނގީ ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ލެފްޓިނެންޓް ވިދާޅުވި އެވެ.

"އެ އެއްޗެހި އެތަނުން ނެގޭނެ ދުވަހެއް ސީދާކޮށް އަދި ބުނާކަށް ނޭނގޭ" އަބްދުﷲ އަލީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މިވަގުތަށް އެޅެން އޮތް އެއްމެ ރަނގަޅު ފިޔަވަޅަކީ އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތައް ސަމާލުވެގެން ދަތުރު ކުރުން ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި "ރިޝްވާ 4”ގައި އަލިފާން ރޯވެ ތިން މީހަކު ވަނީ ފިހިފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ މީހަކު ވެސް ހިމެނެ އެވެ.