28 Jul 2018, 23:00
މިހާރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިދިކޮޅު ފަރާތްތަކެއް ނުވާ ކަމަށާއި، އެހެންކަމުން ތަފާތު ފިކުރުތަކުގެ ޕާޓީތަކުން ވެސް އެމަނިކުފާނުގެ ފަހަތްޕުޅަށް އެރުމަށް އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ އޭނާ ގއ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.
"އަޅުގަނޑު ވަރަށް އުފަލާ އެކު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކެއް ނެތޭ މިހާރަކު. އަޅުގަނޑުމެން މަސައްކަތް މިކުރަނީ ރައްޔިތުންނަށްޓަކައި. މިއީ ސުލްހަވެރިކަމުގެ މަސައްކަތްތަކެއް. ގައުމު ބިނާ ކުރުމުގެ މަސައްކަތްތަކެއް،" ޑރ. ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އޭނާ ރައީސް ޔާމީންގެ ސަޕޯޓަރުންގެ އިތުރުން، އެހެން ފިކުރުތަކުގެ މީހުންނާވެސް ބައްދަލުކުރެއްވި ކަމަށެވެ. އެގޮތުން ތަފާތު ފިކުރުތަކުގެ މީހުންގެ ޖަގަހަތަށާއި ގެތަކަށް ވެސް ޒިޔާރަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
"އިދިކޮޅު ފަރާތްތައް މިހާރު ނެތޭ. މިހާރު މިކުރަނީ ގައުމީ މަސައްކަތެއް. މި މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވާންވީ. ތަފާތު ފިކުރުތައް އެއްގަލަކަށް އަރުއްވަންވީ. ހުރިހާ ޕާޓީތައް ވެސް އެއްގަލަކަށް އަރަންވީ. ރައިސް ޔާމީންގެ ފަހަތްފުޅަށް އަރުއްވާ ގައުމު ބިނާ ކުރުމަށް. މިއީ ގައުމު ބިނާ ކުރުމުގެ ވަގުތު،"
ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިނަކީ "ޕޮޒިޓިވް" ކެމްޕެއިނެއް ކަމަށެވެ. އަދި އެ ކެމްޕެއިނުގައި އެހެން ފަރާތްތަކަށް އެއްޗެހި ގޮވަމުން ނުދާނެ ކަމަށް ވިދާޅުވި އެވެ. އަދި ގއ. އަތޮޅުގައި ރައީސް ޔާމީނަށް ވަރަށް ބޮޑު ތާއީދެއް އޮންނަ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގިން ކުރެވޭ ގއ. އަތޮޅުގެ ތަނަވަސް އަޣުލަބިއްޔަތު ރައީސް އަބްދުﷲ ޔާމީން ހޯއްދަވާނެކަން." ޑރ. ޝަހީމް ވިދާޅުވި އެވެ.
ޑރ. ޝަހީމް ވިދާޅުވީ ގއ. އަތޮޅުގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުން ވެސް ރައީސް ޔާމީނަށް އަޣުލަބިއްޔަތު ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ޑރ. ޝަހީމްގެ ކެމްޕެއިން ދަތުރުފުޅުގައި ވަނި ގއ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައިފަ އެވެ. އެ ދަތުރުފުޅުގައި އޭނާ އެ ރަށްތަކުގައި ދޮރުން ދޮރަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލު ކުރެއްވި އެވެ.