އަންކަރާ (ޖުލައި 28): އެމެރިކާއިން ހަރުކަށިކަން ކުޑަކޮށްފިނަމަ ތުރުކީއާއި އެމެރިކާގެ ގޯސްވެފައިވާ ގުޅުންތައް އަލުން ރަނގަޅު ކުރެވިދާނެކަމަށް ތުރުކީ ސަރުކާރުން ބުނެފިއެވެ.

އަންކަރާގައި ދެއްވި ބަޔާނެއްގައި ތުރުކީގެ ރިޔާސީ ތަރްޖަމާން އިބްރާހީމް ކަލީން ވިދާޅުވީ އެމެރިކާއިން ތުރުކީގެ މުއައްސަސާތަކަށް އިޙްތިރާމްކޮށް އަމަނާއި ސަލާމަތީ ކަންކަމުގައި ތުރުކީ ކަންބޮޑުވާ ކަންބޮޑުވުން ގަބޫލުކުރާނަމަ ދެގައުމުގެ ގުޅުންތައް އަލުން ރަނގަޅު ކުރެވިދާނެ ކަމުގައެވެ.

ކަލީން މިހެން ވިދާޅުވީ ޖާސޫސުކުރުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ތުރުކީން ހައްޔަރުކޮށްފައިވާ އެމެރިކާގެ ނާސާރާ ފާދިރީ އެއްކަމަށްވާ އެންޑްރޫ ބްރަންސޮން މިނިވަން ކޮށްދިނުމަށް ތުރުކީ ސަރުކާރުން ދެކޮޅު ހެދުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ތުރުކީއަށް ބިރު ދައްކަވައި އިންޒާރު ދެއްވުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވީ ބްރަންސޮން މިނިވަން ނުކޮށްފިނަމަ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމަށާ އެފިޔަވަޅުތައް ވަރަށް ހަރުކަށިވާނެ ކަމުގައެވެ.

ޓްރަމްޕްގެ އިންޒާރަށް ރައްދު ދެއްވަމުން ތުރުކީގެ ޕާލަމެންޓްގެ ރައީސް ބިން އަލީ ޔެލްޑްރިމް ވަނީ ތުރުކީއަށް ބިރު ދައްކައިގެން އެމެރިކާއަށް އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ. އަދި އެމެރިކާއަށް އޮތީ ބިރުދެއްކުން ހުއްޓާލުމަށްފަހު ތުރުކީގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިޙްތިރާމް ކުރުންކަމަށްވެސް ޔެލްޑްރިމް ވަނީ ވިދާޅުވެފައެވެ.

ދެހާސް ސޯޅަ ވަނައަހަރު ތުރުކީގެ ވެރިކަން ފޮރޮޅާލުމަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތައް އެހީތެރިވި ކަމުގެ ތުހުމަތު އެދުވަސްވަރު ތުރުކީވިލާތުން ނުސީދާ ގޮތެއްގައި އެމެރިކާ ގެ މައްޗަށްކޮށްފައިވެއެވެ. އެ ބަޣާވާތުގެ ފަހަތުގައިވާކަމަށް ތުރުކީން ތުހުމަތުކުރާ ފަތްހުﷲ ގުލެން ރައްކާތެރިކަމާއި ހިމާޔަތް ހޯދައިގެން އުޅެނީ އެމެރިކާގައެވެ. އޭނާ ތުރުކީ އާ ހަވާލުކުރުމަށް ތުރުކީން އެދުނު އެދުމަށް އިޖާބަ ދިނުމަށް އެމެރިކާ ދެކޮޅު ހަދާފައިވާތީ ތުރުކީގެ ކެތްތެރިކަން އެމެރިކާއާމެދުވަނީ ކޮޅުންލާފައެވެ. މީގެއިތުރުން ތުރުކީން ޓެރަރިސްޓުން ކަމަށް ތުހުމަތުކުރާ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކަށް އެމެރިކާ އަސްކަރީ ގޮތުން އެހީތެރިވެ ހަތިޔާރު ދިނުމަކީވެސް އެމެރިކާއާއި ތުރުކީގެ އިތުބާރު ގެއްލި ގުޅުންތައް ގޯސްވެގެންދިޔަ މައިގަނޑު ސަބަބެކެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވްޝް އޮގްލޯ ވަނީ އެމެރިކާގެ ރައްޔިތުންނަކީ ގާނޫނުން މަތީގައި ތިބެންޖެހޭ ބައެއްކަމަށް އެމެރިކާގެ ވެރިންނަށް ހީވާނަމަ އެއީ ގޯހެއްކަމަށް ވިދާޅުވެ އެމެރިކާއަށް ފާޑު ވިދާޅުވެފައެވެ. އަދި ހައްޔަރުކޮށްފައިވާ އެމެރިކާގެ ނާސާރާ ފާދިރީ ގެ މައްސަލަ ބަލައި އޭނާއާމެދު ގޮތެއް ނިންމާނީ ތުރުކީގެ ކޯޓުތަކުން ކަމަށާއި ކޯޓުތަކުން ނިންމާ ނިންމުމަށް އެމެރިކާ އިން އިޙްތިރާމް ކުރަންޖެހޭނެ ކަމަށްވެސް އޮގްލޯ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)