ރާއްޖޭގައި، ރައްޔިތުންގެ މެދުގައި ހަމަހަމަކަމާ އެކު ތަފާތުކުރުމެއް ނެތި ވެރިކަމެއް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

މިއަދު އިދިކޮޅު އިއްތިހާދުން ބ. އަތޮޅުގައި ކެމްޕެއިން ފަށާފައިވާއިރު އެއަތޮޅު ގޮއިދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބޫ ވަނީ ރާއްޖޭގައި ހަމަހަމަކަމާއެކު ތަފާތުކުރުމެއް ނެތި ތަަރައްގީ ގެނެސްދޭން ވައުދުވެވަޑައިގެންފަ އެވެ.

އިބޫ މިގޮތަށް ވައުދުވެވަޑައިގެންފައިވާއިރު މިއަދު މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ވުރެ ބޮޑަށް ހަމަހަމަކަމާއި ތަފާތުކުރުމެއް ނެތި ތަރައްގީ ގެނުވައިދިން ރައީސަކު މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރައްވައިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން މުއިއްޒުގެ ޓްވީޓުގައި ވިދާޅުވީ "ވެރިކަމުގެ ނިޒާމުގައި ހަމަހަމަކަން" އެއީ ރައީސް ޔާމީނަށް ޚާއްސަ ޓްރޭޑްމާކެއް ކަމަށެވެ.

މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވެފައިވާ އިރު ރައީސް ޔާމީންގެ ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ ގިނަ ގުނަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މުސްތަގުބަލުގައި ރާއްޖޭގެ އިގްތިސާދަށާއި، ރައްޔިތުންނަށް ފައިދާވާނެ ކަމަށް މާހިރުން ދެކޭ ގިނަ އަދަދެއްގެ އެއާޕޯޓުގެ މަސައްކަތް ވެސް ވަނީ ފައްޓަވާފަ އެވެ.

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބޫ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވާފައިވާ އިރު އޭނާގެ މެނިފެސްޓޯ އަދި އިއުލާނު ކުރައްވައިފައި ނުވެ އެވެ.