ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ދަރިވަރުންނާއި މުވައްޒަފުން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ "ސަން" އަށް ވިދާޅުވީ އެ ދަތުރަކީ އެ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން ކޮންމެ އަހަރަކު މުޖްތަމައުއަށް ޚިދުމަތް ކުރުމުގެ ގޮތުން ކުރާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ކުރި ދަތުރެއް ކަމަށެވެ.

ސޮފޫރާ ވިދާޅުވީ އެ ދަތުރުގައި އެ ސްކޫލުގެ 50 ދަރިވަރުންގެ އިތުރުން މެނޭޖްމެންޓާއި ޓީޗަރުން ހިމެނޭ ގޮތައް 10 މުވައްޒަފުން ބައިވެރިވި ކަމަށެވެ. އެ ދަތުރުގައި ބައިވެރިވި ދަރިވަރުންގެ ތެރޭގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިސިކަލް ޑިސޭބަލްސް ޖަމްއިއްޔާގެ ޗެއާޕާސަން މުހައްމަދު ރައިޝަން ހިމެނެއެވެ.

ސީއެޗްއެސްއީ ގުރައިދޫ މަރުކަޒަށް ހަދިޔާ ކުރި ތަކެއްޗާ އެކު -- ފޮޓޯ: ސީއެޗްއެސްއީ

ސީއެޗްއެސްއީ އިން ހަދިޔާ ކުރި ތަތެކީގެ ތެރޭގައި 55 އިންޗުގެ ޓީވީއެއް، ބެޑްޝީޓު، އަންނައުނު، އަދި އެހެނިހެން ތަކެތި ހިމެނެއެވެ. މީގެ އިތުރުން މަރުކަޒުގައި ދިރިއުޅޭ ކޮންމެ މީހަކަށް ހަދިޔާގެ ގޮތުގައި މޭވާވެސް ދީފައި ވެ އެވެ.

ސޮފޫރާ ވިދާޅުވީ ގުރައިދޫ މަރުކަޒުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ބައްދަލުވުމަކީ ދަރިވަރުންނަށާއި މުވައްޒަފުންނަށް ވެސް ލިބިގެން ދިޔަ މުޅިން އާ ތަރުޖިބާއެއް ކަމަށެވެ.

"އިހުސާސްތައް ދަނެގަންނަން ފުރުސަތެއް ދެއްތޯ މިއީ. މިގޮތައް ވެސް ބަޔަކު މީހުން ދިރިއުޅޭކަމާ، އަޅުގަނޑުމެންވެސް ޝުކުުރުވެރިވާން ދެއްތޯ އަޅުގަނޑުމެންގެ ދަރިވަރުންގެ ކަންތައްތައް ރަނގަޅުވެފައި ހުރީމަ." ސޮފޫރާ ވިދާޅުވި އެވެ.

ސީއެޗްއެސްއީ ގުރައިދޫ މަރުކަޒަށް ހަދިޔާ ކުރި ތަކެއްޗާ އެކު -- ފޮޓޯ: ސީއެޗްއެސްއީ

މިދިޔަ އަހަރު ސީއެޗްއެސްއީގެ ދަރިވަރުން ޒިޔާރަތް ކުރީ އައިޖީއެމްއެޗް އަށެވެ. އެފަހަރު އައިޖީއެމްއެޗްގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކޮށް އެމީހުންނަށް ސްކޫލުގެ ފަރާތުން ހަދިޔާ ދީފައި ވެ އެވެ.

މީގެ ހަތަރު އަހަރު ކުރިންވެސް ސީއެޗްއެސްއީ އިން ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައި ވެ އެވެ.