28 Jul 2018, 18:20
ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ނެތް ކަމަށް ދޭހަވާ ގޮތަށް ކުރެއްވި ޓްވީޓާ ގުޅިގެން އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ މައާފަށް އެދިވަޑައިގަންނަވަން ޖެހިއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިބޫ އާއި އޭނާގެ ރަނިންމޭޓު ފައިސަލް ނަސީމް، އިންތިހާބަށް ކުރިމަތިލުމަށް ކެންޑިޑެސީ ފޯމު ހުށަހެޅުމަށް ފަހު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު އިބޫއަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
މާރިޔާގެ ޓްވީޓުގައި ކުރީގެ ރައީސް ނަޝީދުގެ ނަން ހިމަނާފައި ނުވުމުން ގިނަ ބަޔަކު ވަނީ ނަޝީދުގެ ތާއީދު އިބޫއަށް ނެތީތޯ ސުވާލު އުފައްދާފަަ އެވެ.
އެ ޓްވީޓު ކުރުމާއެކު އިދިކޮޅުގެ ގިނަ ބައެއްގެ ފާޑުކިޔުން މާރިޔާއަށް ވަނީ އަމާޒުވެފައި އެވެ. އެ ފާޑުކިޔުންތަކުގެ ސަބަބުން މާރިޔާ ވަނީ އޭނާގެ ޓްވީޓު ޑިލީޓުވެސް ކުރައްވާފަ އެވެ.
ފާޑުކިޔުން އަމާޒުވި ޓްވީޓާ ގުޅިގެން މިއަދު މާރިޔާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. މައާފަށް އެދިވަޑައިގަންނަވަން ކުރެއްވި ޓްވީޓުގައި އޭނާ ވިދާޅުވީ ކުރިން ކުރެއްވި ޓްވީޓުގައި ނަޝީދުގެ ނަން ހިމަނުއްވާފައި ނުވާތީ ހިތްހަމަނުޖެހިގެން އެ ޓްވީޓު ޑިލީޓު ކުރަން އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން އެދިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް ބޭފުޅުންނަށް މާނަ އޮޅޭ ގޮތަށް ޓްވީޓު ކުރެއްވިފައިވާތީ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަމާޒުވި ފާޑުކިޔުންތަކާއެކު އިއްޔެ މާރިޔާ އިތުރު ޓްވީޓެއް ވެސް ކުރެއްވި އެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ހަމަޖެއްސީ ނަޝީދުގެ ފުރިހަމަ ތާއީދާ އެކު ކަމަށެވެ.