ގާހިރާ (ޖުލައި 28): މިސްރުގައި 2013 ވަނަ އަހަރު ކުރިއަށްގެންދިޔަ އިހުތިޖާޖާ ގުޅިގެން އެގައުމުގެ ކޯޓަކުން 75 މީހަކު މަރަން ހުކުމްކޮށްފި އެވެ.

މިސްރުން މަނާކޮށްފައިވާ ސިޔާސީ ޕާޓީއެއް ކަމަށްވާ މުސްލިމް ބްރަދަހުޑަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް، އެގައުމުގެ ކޯޓަކުން 75 މީހެއްގެ މައްޗަށް މަރުގެ ހުކުމް ކުރީ ގަސްތުގައި މީހުން މެރުމާއި އާއްމު ތަންތަނުގައި ހުންނަ ތަކެއްޗަށް ހަމަލާ ދިނުމުގެ ދައުވާ ކުރުމަށްފަހުގައި އެވެ.

އަދި ހަމަ އެމައްސަލައިގައި އިތުރު 660 މީހެއްގެ މައްޗަށް ހުކުމް ކުރުން ސެޕްޓެމްބަރު މަހު އޮންނާނެ ކަމަށް މިސްރުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.

އެއީ 2013 ވަނަ އަހަރު މިސްރުގައި އޮތް ރައީސް މުހައްމަދު މޫރުސީގެ ވެރިކަން އެގައުމުގެ އަސްކަރިއްޔާއިން ވައްޓާލުމާ ގުޅިގެން އެއަހަރުގެ އޮގަސްޓު މަހު ބޭއްވި އިހުތިޖާޖެކެވެ. ގާހިރާގެ ރަބާ އަލް އަދަވިޔާ ސްކޮޔާގައި އެތައް ހާސް މީހުން ކުރިއަށްގެންދިޔަ އެއިހުތިޖާޖު ހަ ހަފްތާއަށް ދެމިގެންދިޔަ އެވެ.

އަދި އެއިހުތިޖާޖު ރޫޅާލުމަށް މިސްރުގެ އަސްކަރިއްޔާއިން ބާރުގެ ބޭނުންކޮށް، 1000 ވަރަކަށް މީހުން މަރާފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެ އެވެ. (އޭޕީ)