ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޮފިޝަލުންނަށް އެދި 7،000 އާ ގާތްކުރާ އަދަދަކަށް މީހުން ކުރިމަތިލާފައިވާ ކަމަށާއި، އޮފިޝަލުން ހޮވާނީ ޝަރުތު ހަމަވާ އެންމެންނާ އިންޓަވިއުކުރުމަށްފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް "ސަން"އަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ އޮފިޝަލުންނަށް ވުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި މިހާތަނަށް ޗެކުކުރި ފޯމްތަކުގެ އަދަދު 6،000 އަށް ވުރެން އިތުރު ކަމަށެވެ. އަދި ބާކީ ހުރި ފޯމުތައް ޗެކުކޮށް ނިމުމުން 7،000 އާ ގާތް ކުރާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އޮފިޝަލުންގެ ގޮތުގައި ނަގާނީ 4،500 މީހުންކަން ފާހަގަކުރައްވަމުން އަކްރަމް ވިދާޅުވީ ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެނާ ވަކިވަކިން އިންޓަވިއުކުރާނެ ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުރެ އޮފިޝަލަކަށް ނުވެވޭނެއެވެ.

އޮފިޝަލުންނަށް ވެވޭނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިންގާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހުއެވެ. ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކަށް އޮފިޝަލުންނަށް ނުވެވޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އޮފިޝަލު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ ފަރާތްތަކަށް ވޯޓްލާ ދުވަހު 1،500 ރުފިޔާ ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ ވޯޓްލާ ދުވަހު 1،200 ރުފިޔާ، އޮފިޝަލުންގެގޮތުގައި ހަރަކާތްތެރިވާ އެނޫން ފަރާތްތަކަށް 1،000 ރުފިޔާ، އަދި ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ 500 ރުފިޔާ ދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.