އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ އިންޑިއަން އިންޓަނޭޝަނަލް ޓްރެވަލް މާޓު (އައިއައިޓީއެމް)ގައި ރާއްޖޭގެ 10 ކުންފުންޏަކާ އެކު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބައިވެރިވެއްޖެއެވެ.

އިންޑިއަން އިންޓަނޭޝަނަލް ޓްރެވަލް މާޓު އިންޑިއާގެ ބެންގަލޫރުގައި ފެށީ އިއްޔެއެވެ. މި ފެއާ މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

މަޓާޓޯއިން ބުނީ، 1998 ވަނަ އަހަރު ތައާރަފުކުރި އައިއައިޓީއެމްއަކީ އިންޑިއާގެ އެންމެ ލީޑިންގް އެއް ޓޫރިޒަމް ހަރަކާތް ކަމަށެވެ. އަދި މި އިވެންޓުގައި އިންޑިއާއާއި އެހެނިހެން ގައުމުތަކުގެ ޓޫރިޒަމް ބޯޑުތަކާއި، އެއާ އަދި ކްރޫޒްލައިނާތަކާއި، ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއި ހޮޓެލްތަކާއި ރިސޯޓުތަކުގެ އިތުރުން ޓްރެވަލް މީޑިއާ ފަރާތްތަކުން ބައިވެރިވެއެވެ.

މަޓާޓޯއިން ރާއްޖޭގެ ސްޓޯލެއް މި ފެއާގައި ހިންގާ އިރު، މަޓާޓޯއިން ބުނީ މިއީ އެ ޖަމިއްޔާއިން އިންޑިއާގައި ބައިވެރިވާ ހަތަރުވަނަ ޓްރެވަލް ޓްރޭޑު ހަރަކާތް ކަމަށެވެ. މީގެ ކުރިން އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަދި މުމްބާއީގައި ބޭއްވި ފެއާތަކުގައިވެސް މަޓާޓޯއިން ވަނީ ބައިވެރިވެފައެވެ.

މަޓާޓޯއިން ބުނީ އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމަށް ޑެސްޓިނޭޝަން މާކެޓިންގް ކެމްޕޭނެއް ހިންގަމުންދާ ކަމަށާއި، އެ ކެމްޕޭނުގެ މަގްސަދަކީ މި އަހަރު ނިމުމުގެ ކުރިން އިންޑިއާއިން 100،000 ޓޫރިސްޓުން ގެނައުން ކަމަށެވެ.

ބެންގަލޫރަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ އެއް ސިޓީއެވެ. ވަކިން ޚާއްސަކޮށް ބެންގަލޫރަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ވަރަށް ކުރިއަރާފައިވާ ސިޓީއެކެވެ. މި ސިޓީގައި ދިރިއުޅޭ ރައްޔިތުންނަކީ އިންޑިއާގެ އެންމެ ބޮޑު އެއް އައުޓްބައުންޑް މާކެޓެވެ.