28 Jul 2018, 13:10
އިސްތަންބޫލް (ޖުލައި 28): ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކު (އައިސީބީސީ)ން ތުރުކީއަށް 3.6 ބިލިއަން ޑޮލަރުގެ ލޯނެއް ދީފި ކަމަށް ތުރުކީގެ ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ބިރާތު އަލްބައިރަކު ވިދާޅުވި ގޮތުގައި އައިސީބީން އެލޯނު ދީފައި ވަނީ ތުރުކީގެ ހަކަތަ އާއި ދަތުރުފަތުރާ ބެހޭ ދާއިރާތައް ތަރައްގީކުރުމަށެވެ.
"[ތުރުކީގެ] ހަކަތަ އާއި ދަތުރުފަތުރާ ގުޅޭ އިންވެސްޓުމެންޓުތަކަށް ޗައިނާގެ މާލީ އިދާރާތަކުން ވަނީ 3.6 ބިލިއަން ޑޮލަރުގެ ލޯނު ޕެކޭޖެއް ދީފައި،" އަލްބައިރަކް ވިދާޅުވި އެވެ.
އައިސީބީސީ އަކީ ތުރުކީގައި ޗައިނާގެ ބޭންކެއް ހިންގަން ފެށި ފުރަތަމަ ބޭންކެވެ. ދެހާސް ފަނަރަ ވަނަ އަހަރު އެ ބޭންކުން ވަނީ ތުރުކީގެ ޓެކްސްޓިލް ބޭންކުގެ 75 ޕަސެންޓު ހިއްސާ، 316 މިލިއަން ޑޮލަރަށް ގަނެފަ އެވެ.
ޗައިނާ އިން ތުރުކީއަށް އެލޯނު ދީފައި ވަނީ ތުރުކީއާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާ އިން އެއިންޒާރު ދީފައި ވަނީ ތުރުކީން އެގައުމުގެ ދީނީ އިލްމުވެރިޔަކު ހައްޔަރު ކުރުމާ ގުޅިގެންނެވެ. މިވަގުތު ގޭ ބަންދުގައި ހުރި އެންޑްރޫ ބްރަންސަން ހައްޔަރު ކުރީ 2016 ވަނަ އަހަރު ތުރުކީއަށް ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެންނެވެ.